ads
ސެކެޓްރީ އޮފް ސްޓޭޓް ޕޮމްޕިއޯއަށް ފޮރިން މިނިސްޓަރު ޝާހިދު މަރުހަބާ ދަންނަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖެ ވަޑައިގެންނެވުމާއެކު ޕޮމްޕިއޯއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ޕޮމްޕިއޯ އާއި ޝާހިދުއާ ދެމެދު ދެގައުމުގެ ރަޝްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފަ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރެވޭނެ ކަމަށެވެ. 

އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާއި ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެ އާއި އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

ނަމަވެސް މި ބައްދަލުވުންތަކުގައި ދެ ގައުމުން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ދެ ބޭފުޅުންގެ މަޝްވަރާއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ހަވީރު 04:00 ގައި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެ ބޭފުޅުން ދެއްވާނެ އެވެ. 

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

ޕޮމްޕިއޯ މިއަދު ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ މަހު ރާއްޖެ އާއި އެމެރިކާއިން ވަނީ ސަލާމަތާއި ދިފާއީ ކަންކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޒް ވިދާޅުވީ އޭގެ ސަބަބުން އިންޑޯ ޕެސިފިކް އެލަޔަންސް އާ ރާއްޖެ ގުޅުމަށް މަގުފަހިވާނެ ކަމަށެވެ.

އިންޑޯ ޕެސިފިކް އެލަޔަންސަކީ އިންޑިއާ އަދި ޕެސިފިކް ކަނޑުގައި ޗައިނާގެ ނުފޫޒު ފެތުރުނު ނުދިނުމަށް އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ އެލަޔަންސެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް