ads
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި--
ކޮވިޑާ ގުޅިގެން ޔޫއެސްއެއިޑުން ފޯރުކޮށްދޭ އެހީ އިތުރު ކުރަނީ
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސްއެއިޑް) ފޯރުކޮށްދޭ އެހީ އިތުރު ކުރަން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. 

އެގޮތުން ޔޫއެސްއެއިޑުން ރާއްޖެއަށް ކޮވިޑާ ގުޅިގެން ދެ މިލިއަން ޑޮލަރު ފަންޑު ކުރަން މަޝްވަރާ ކުރި އިރު، މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ކޮވިޑާ ގުޅިގެން ތަފާތު ގިނަ އެހީތަކެއް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

އެގޮތުން 60 ވެންޓިލޭޓަރާއި ގިނަ އަދަދެއްގެ ޕީޕީއީ ވެސް ހަދިޔާކޮށްފައި ވެއެވެ. 

މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ސޮއިކުރި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންސް (ޑީއޯއޭޖީ) ގައިވާ ގޮތުން 35 މިލިއަން ޑޮލަރުގެ އެހީ ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމަށް އެމެރިކާއިން ފޯރުކޮށްދޭނެ އެވެ. 

މިއަދު މެންދުރު ފަހު ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް