ads
ފަސްކުރި ދޯނި --
ހުރިހާ ބިރެއް މަސްވެރިންނަށް، ހައްގުގައި ބަސް ބުނާނެ ފިޝަރީޒް މިނިސްޓްރީ ކޮބާ؟
މީގެ ފަސް ދުވަސް ކުރިން އެންމެ ހެނދުނާ ލިބުނު ހަބަރަކީ ލ. ގަން ކައިރިން ބަޔަކު މަސްދޯންޏެއް ހައިޖެކް ކުރަން މަސައްކަތް ކުރި ކަމުގެ ހަބަރެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އައީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންނެވެ. އެކަމަކު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެ އަމަލު ހިންގުމުގެ ފަހަތުގައި ތިބީ ދިވެހިންގެ ބަޔަކު ކަން އެނގުނީމަ އެވެ.

"ފަސްކުރި" ނަމަކަށް ކިޔާ އެ ދޯންޏަށް ދަންވަރު 12:00 ގެ ފަހުން ގްރޫޕަކުން އެރުމުން އޭގައި ތިބި 22 ފަޅުވެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ބުނެ، އެ ފަޅުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރޭގަނޑުގެ ނިދި ނަގާލައިގެން، މަސައްކަތުގައި އަވަދިނެތި އުޅެމުން ދަނިކޮށް އެ ފަޅުވެރިން ސިއްސުވާލީ ހަތިޔާރާއެކު ދޯންޏަށް އެރި 27 މީހުންގެ ގްރޫޕެކެވެ. 

ފަޅުވެރިންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދޯނި ލ. ގަމަށް ގެންދިޔެއީ ވަޅި، ކަތިވަޅި އަދި ކަނޑި ފަދަ ހަތިޔާރުން ދޯނީގެ ކެޕްޓަނަށް ބިރު ދައްކައިގެން ކަމަށެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެކަން ކުރުމުގައި އިސްކޮށް އުޅުނީ އެ ދޯނި ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް ވިއްކި ލ.ގަން/ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން ކަމަށެވެ. 

"ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވައި ފަޅުވެރިންނަށް ދިޔައީ ބިރު ދައްކަމުންނެވެ. އަދި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް ދިޔައީ އަމުރު ކުރަމުންނެވެ." އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކޮށް ފަޅުވެރިން ނެރުނު ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް ހޫނު ފެން އެޅި ކަމަށާއި ހަދާނެ ގޮތް ހުސްވެފައި ތިއްބާ އެއް ފަޅުވެރިޔަކު ފާހާނާއަށް ވަދެ، ޖީބުގައި އޮތް ފޯނުން ސ. މީދޫ ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރި އެވެ. ބިރު ދައްކައިގެން ދޯނި ލ. ގަން ފަޅުތެރެއަށް ގެންދިޔައީ އެ ރޭ 03:00 ހާއިރު ކަމަށާއި، އެ ވަގުތާ ހަމައަށް ވެސް ފުލުހުންނާއި ސިފައިންގެ އެހީއެއް ނުލިބޭ ކަމަށް ބަޔާނުގައި ވެއެވެ.

"ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ވަނީ ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައެވެ. އޭގެ ތެރޭގައި އިދުރީސް ހުސެއިން ވެސް ހިމެނެ އެވެ. ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށް ފަހު އެވެ. އަދި އޭގެ ފަހުން ދޯންޏަށް ފުލުހުން އަރައި، މައުލޫމާތު އޮޅުން ފިލުވައި ދޯނި ރަހީނު ކުރުމަށް އައި މީހުން ދޯންޏަށް އެރުވި ދަގަނޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ފަހުން ފުލުހުން ބުނީ ހާދިސާގެ ތަހްގީގު ފެށޭނީ ތަންތަން ހުޅުވުމުން ހެނދުނު 08:00 ގެ ފަހުން ކަމަށެވެ." ބަޔާނުގައި ވެއެވެ.

އެ ވަގުތު ވެސް ފަޅުވެރިންނަށް އިންޒާރު ދީ ހަދަމުން ދިޔަ ކަމަށާއި ހަވީރުގެ ކުރިން ދޯނިން ނުފައިބައި ނަމަ "ކޮށާލާނެ" ކަމަށް ބުނެފައި ވެއެވެ. ފަޅުވެރިންނަށް ރައްކާތެރިކަން ދީ، އެމީހުންގެ އަމިއްލަ ފައިސާގައި އައްޑޫއަށް ދެވޭނެ ގޮތް ހެދުމަށް ފުލުހުންގެ ކިބައިން އެދުމުން ވެސް އެހީވެދީފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތަށް ތިއްބާ ހަވީރުވުމުން އަނެއްކާ ވެސް ގްރޫޕުން ދޯންޏަށް އަރާ ބިރު ދައްކަން ފެށި އެވެ. 

ބަޔާނުގައިވާ ގޮތުން އެމީހުންނަށް ހިތަދޫއަށް ދެވުނީ ގަމުގެ "ފަހިމަގު" ދޯނީގެ އެހީ އާއެކު އެވެ. އެކަމަށް އުޖޫރައެއް ވެސް ނަގާފައެއް ނުވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ފަޅުވެރިން ވަނީ "ފަހިމަގު" ދޯނިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ. 

ދޯންޏާ ގުޅިގެން އިދުރީސް ދައްކަމުންދާ ވާހަކަތައް ދޮގުކޮށް، ފަޅުވެރިންގެ ބަޔާނުގައި ބުނެފައި ވަނީ މައްސަލައިގެ ތަހުގީގު ލަސްވުމަކީ އެމީހުންނަށް އޮތް ބިރެއް ކަމަށެވެ. އެ މައްސަލާގައި ފުލުހުން ބުނެފައި ވަނީ ދޯނީގައި މާރާމާރީއެއް ނުހިންގާ ކަމަށާއި އެއީ ދޯނީގެ އެއްބަސްވުމާ މެދު ހިޔާލު ތަފާތުވުން އުފެދިގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރިކަން އެނގިފައިވޭ، އަދި ފުލުހުން ދޯންޏަށް ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށް،" ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ދޯންޏަކީ މީގެ ދެ އަހަރު ކުރިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ކުއްޔަށް ދީފައިވާ ދޯންޏެކެވެ. އެގޮތުން މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދެއްކުމުން އެ ދޯނި ޖާބިރަށް އެއްކޮށް ލިބޭ ގޮތަށް އެގްރީމަންޓް ހަދާފައިވާ ކަމަށް ވެއެވެ. އެކަމަކު މައުލޫމާތު ލިބޭ ގޮތުގައި މިހާތަށް ޖާބިރު ދައްކަވާފައި ވަނީ ހަތް ލައްކަ ރުފިޔާ އެވެ. 

ފުލުހުން ބުނެފައި ވަނީ އެ މައްސަލާގައި 16 މީހަކު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފަ އެވެ. 

މީގެ ކުރިން ރާއްޖޭގައި މަސްވެރިންނަށް މިފަދަ ބިރުވެރި ހާދިސާއެއް ދިމާވި ކަމުގެ އަޑެއް ނީވެ އެވެ. ދޯނީގެ ވެރިފަރާރާއި އެހެން މީހަކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްސަލައެއްގައި ހުރިހާ ބިރެއް ކުރިމަތިވީ މަސްވެރިންނަށެވެ. މަސްވެރިންނަކީ ވެސް މަސައްކަތުގެ މައިދާނުގައި އުޅޭ ބަޔަކަށް ވާއިރު، އެމީހުންގެ ހައްގުތައް ދިފާއު ކުރަން ވާހަކަ ދައްކާނެ ބަޔަކު ނެތެވެ.

އެންމެ ކުޑަމިނުން ހާދިސާ ހިނގި ވަގުތު ފުލުހުންގެ ކިބައިން ވެސް އެމީހުންނަށް އެހީތެރިކަމެއް ލިބިފައި ނުވުމަކީ ހިތާމަހުރި ކަމެކެވެ. ރައްޔިތުންނަށް "ޓު ޕްރޮޓެކްޓް އެންޑް ސާވް"ގެ ދަށުން ހިދުމަތް ކުރަން ތިބި ހިދުމަތްތެރިން މިއަށް ވުރެ ބޮޑަށް ރައްޔިތުން ހިޔާމަތްކޮށްދޭން ޖެހެ އެވެ. މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އޮތް އިރު، އެތަނުން ވެސް މަސްވެރިންނަށް ކުރިމަތިވި ނުރައްކަލާ މެދު ބަހެއް ނުބުނާ ސަބަބާ މެދު ސުވާލު އުފެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް