އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ތައާރަފްކުރުމަށް ފޮނުވައިފައިވާ މޯލްޑިވިއަންގެ ސީޕްލޭން--- ފޮޓޯ: އެޗްއައިސީމޯލްޑިވްސް ޓްވިޓާ
މޯލްޑިވިއަންގެ އެހީއާއެކު އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ހިދުމަތް ފަށައިފި
Share
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
Advertisement

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށްޓަކައި އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި މަހު 25 ވަނަ ދުވަހު މޯލްޑިވިއަން އިން ވަނީ އިންޑިއާ އަށް ސީޕްލޭނެއް ޗާޓަރުކޮށްގެން ފޮނުވާފަ އެވެ. 

މިއަދު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ރަސްމީކޮށް ފެށީ މޯލްޑިވިއަންގެ އެހީ އާއެކު ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.

އެ ހިދުމަތް ފެށީ ގުޖަރާތު ސްޓޭޓްގެ ކެވާޑިއާގައި "ސްޓޭޗޫ އޮފް ޔުނިޓީ" އެއްބައިވަންތަކަމުގެ ބިނާ ހުންނަ ސަރަހައްދުންނެވެ. މިއަދަކީ އިންޑިއާގެ އެއްބައިވަންތަކަމުގެ ގައުމީ ދުވަހެވެ.

ގުޖަރާތު ސްޓޭޓްގެ ކެވާޑިއާ ގައި ސްޓެޗޫ އޮފް ޔުނިޓީ ހުންނަ ސަރަހައްދުގައި އިންޑިއާގެ ފުރަތަމަ ވޯޓާ އެރޮޑްރޯމް އިފްތިތާހުކުރެއްވުމަށް ފަހު، މޯލްޑިވިއަންގެ ފަޅުވެރިންނާއި ސްޕައިސްޖެޓް ގުޅިގެން ހިންގި ފްލައިޓްގައި މޯދީ ވަޑައިގަތީ ގުޖަރާތު ސްޓޭޓްގެ އަހްމަދުއާބާދުގައި ހުންނަ ސަބަރުމަތީ ކޯރުގެ ވޯޓާ އެރޮޑްރޯމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ރިޒްވީ ވިދާޅުވީ އިންޑިއާއިން ދިވެހި ގައުމީ އެއާލައިން އިހްތިޔާރު ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި އެއީ ދެ ގައުމުގެ ދެމެދުގައި އެއް ގައުމު އަނެއް ގައުމަށް އޮތް އިހްތިރާމް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. 

އެގޮތުން މި ފުރުސަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތައް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ސްޕައިސްޖެޓް ފަދަ ކުންފުންޏެއްގެ ފަރާތުން އިތުބާރު ލިބުމަކީ ރާއްޖޭގެ ވައިގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސަައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށާއި، އެ ކުންފުނިން ރާއްޖޭގެ މޯލްޑިވިއަން އިހްތިޔާރު ކުރުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ޝަރަފެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މިފަދަ ބޮޑު ރަސްމިއްޔާތަކަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި، މުވައްޒަފުން ދެއްވި އެއްބާރުލުމަށް ރިޒްވީ ވަނީ ޝުކުރު ދަންނަވައިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް