ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ--
ހުކުމް ނުކޮށް ދެ މަސް، އިދިކޮޅުގެ ތުހުމަތު ސަރުކާރަށް!
ހައިކޯޓުން ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 2 މަސްވެއްޖެ!
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ މިއަދަށް މި ވަނީ ދެ މަސްވެފަ އެވެ. އެހެން ނަމަވެސް މައްސަލައިގައި ހައިކޯޓުން އަދިވެސް ހުކުމެއް ކޮށްފައި ނުވުމުން އިދިކޮޅުގެ ކަންބޮޑުވުން އިންތިހާ އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑާ ކުރި މައްސަލަ ކްރިމިނަލް ކޯޓުން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. 

އެ ހުކުމް އިއްވިތާ ދެ ދުވަސް ފަހުން އެ މައްސަލަ ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވި އެވެ. އެހެން ނަމަވެސް އަހަރެއް ވާން ކައިރިވެފައި ވާއިރު ވެސް މި އިސްތިއުނާފް މައްސަލަ ހައިކޯޓުން ނިންމިފައެއް ނުވެ އެވެ. 

މި މައްސަލައިގައި ހައިކޯޓުން އެންމެ ފަހުން ޝަރިއަތެއް ބޭއްވީ މީގެ ދެ މަސް ކުރިން ކަމަށް ވީއިރު އެ ދުވަހުގެ އަޑު އެހުމުގައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވީކަން އިއުލާނުކުރައްވާފަ އެވެ. އިސްތިއުނާފު މައްސަލައިގެ ހުކުމެއް ނުކުރެވި އަޑުއެހުން ނިންމާލިތާ ދެ މަސްވެގެން ދިޔައިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން މި ވަގުތު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މައްސަލައިގައި ހުކުމެއް ނުކޮށް ގިނަ ދުވަސް ވަނީ ރައީސް ޔާމީނަށް "އަނިޔާވެރިވުމުގެ" ގޮތުން ކަމަށެވެ. 

އަދުލު އިންސާފު ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެމުން ދާއިރު، އަބްދުއްރަހީމް ވިދާޅުވީ އިންސާފު ނުލިބި ލަސްވުމަކީ ވެސް އިންސާފު ނުލިބުން ކަމަށެވެ. 

"ހުކުމަކާ ހަމައަށް ގޮސްފައި އޮތް އިރު ވެސް އަދިވެސް މިއަށް ހުކުމެއް އަންނާކަށް ނޫޅޭ. އަޅުގަނޑުމެން ގަބޫލުކުރަނީ ސަރުކާރުގެ ނުފޫޒުން އެ މައްސަލަ ލަސްކުރަނީ އޭ،" އޭނާ ވިދާޅުވި އެވެ. "މިއީ މި މީހުންގެ އެޖެންޑާ ފުރިހަމަވެ ނިމެންދެން ރައީސް ޔާމީން ޖަލުގައި ބޭއްވުމަށްޓަކައި ކުރަމުންގެންދާ ކަމެއް."

ސަރުކާރުގެ އިސްވެރިންނަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ހައިކޯޓް މަރުހަލާގައި ރައީސް ޔާމީނަށް އިންސާފުވެރި ހުކުމެއް ލިބިއްޖެ ނަމަ ޖަލުން ސަލާމަތްވާނޭ ކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް!

ވޮޑުމުލާ މައްސަލައިގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލަތަކެއްގައި ވެސް ދައުވާ އުފުލާފައިވެ އެވެ. 

ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޖޫން 28 ވަނަ ދުވަހު އެވެ. 

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް