ads
ޕައުލް ޕޮގްބާ--
ކުރެވުނީ ވަރަށް ބޭކާރު ފައުލެއް: ޕޮގްބާ
އާސެނަލްއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކުރެވުނީ ވަރަށް ބޭކާރު ފައުލެއް ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ބުނެފި އެވެ.

ޕޮގްބާގެ ފައުލާ ގުޅިގެން އާސެނަލްއަށް ލިބުނު ޕެނަލްޓީން ޖެހި ލަނޑާ އެކު ޔުނައިޓެޑް ވަނީ އާސެނަލް އަތުން ބަލިވެފަ އެވެ.

ޕޮގްބާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީން ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުން އާސެނަލް ޔުނައިޓެޑް އަތުން އޯލްޓްރެފަޑްގައި އާދިއްތަ ދުވަހު މޮޅުވި މޮޅުވުމަކީ ސާދަ އަހަރުގެ ތެރޭގައި އާސެނަލްއަށް އެ ދަނޑުގައި ޔުނައިޓެޑު އަތުން މޮޅުވި ފުރަތަމަ މޮޅުވުމެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮގްބާ ބުނީ އޭނާއަށް ކުރެވުނީ ކޮށްގެން ނުވާނެ ފައުލެއް ކަމަށެވެ. ޕޮގްބާ ފައުލްކުރީ އޭރިޔާ ތެރެއިން ހެކްޓަ ބެލެރިން އަށެވެ. އޭރު މެޗުގެ ނަތީޖާ އޮތީވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ.

"އަހަރެންނަށް ކުރެވުނީ އަހަރެން ކޮށްގެންވާނެ ފައުލެއް ނޫން. އެއީ ހަމަ ސީދާ ބޭކާރު ފައުލެއް. ޑިފެންސް ކުރުމުގައި އަހަރެންނަށް ހެދުނު ބޮޑު ގޯހެއް އެއީ. އަހަަރެން އެބަ ޖެހޭ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަން،" ޕޮގްބާ ބުންޏެވެ. 

ޕޮގްބާ، އާސެނަލްގެ ހެކްޓަ ބެލެރިންއަށް ފައުލް ކުރި އިރު އޭނާ ހުރީވެސް މާ ބޮޑު ނުރައްކަލެއްކޮށް ގޯލެެއް ޖެހޭ ފަދަ ޕޮސިޝަނަކު ވެސް ނޫނެވެ. 

މިއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ކްލަބާ ހަވާލުވި ފަހުން ޕޮގްބާ ކުރި ފައުލްތަކާ ގުޅިގެން ޔުނައިޓެޑާ ދެކޮޅަށް ދީފައިވާ ތިންވަނަ ޕެނަލްޓީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް