ads
ސީޕީ ހަމީދު އާއީ ހޯމް މިިނިސްޓަރު އިމްރާން---
ދޫނިދޫ ޖަލުގައި ދެނީ ބޯން އެކަށީގެން ނުވާ ފެން، ފުލުހުންނަށް ފިޔަވަޅު އަޅައިފި
ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް އެންގި އެންގުމަށް އަމަލުކޮށްފައި ނުވާތީ ފުލުހުންގެ އިދާރާއާ މެދު ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

އެޗްއާރްސީއެމުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި ވަނީ އެތަނުގައި ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް އެކަށީގެންވާ ފެން ނުލިބޭ މައްސަލަ ފާހަގަވެފަ އެވެ. އެގޮތުން ބުއިމަށާއި ސާފުތާހިރުވުމަށް ބޭނުން ކުރާ ފެނުގައި "ކޮލިފޯމް (ބެކްޓީރިއާ)" ހުރި ކަމަށް ވަނީ ފާހަގަވެފަ އެވެ. 

ދޫނިދޫ ޖަލުގައި ގާއިމްކޮށްފައިވާ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު، އެއީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. އެހެންކަމުން ޒަރޫރީ ކަންކަމަށް އެ ފެން ބޭނުން ކުރުން އެކަށީގެން ނުވާނެ އެވެ. 

އެ ފެން ބޭނުން ކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތް ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ވަނީ ލަފާ ވެސް ދީފަ އެވެ. 

އެހެންކަމުން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު 72 ގަޑިއިރުގެ ތެރޭގައި ހަމަޖައްސެމަށް އެޗްއާރްސީއެމުން ފުލުހުންނަށް އެންގީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އެޗްއާރުސީއެމްގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަން ވެސް އަންގާފައި ވެއެވެ.

އެ މުއްދަތު ނިމުނު އިރު ވެސް ފުލުހުން އެ އެންގުމާ އެއް ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ އެ އިދާރާއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. ނަމަވެސް އަޅަން ނިންމީ ކޮން ފިޔަވަޅެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. 

ދޫނިދޫގައި ހިންގާ ޖަލު ނުވަތަ ކަސްޓޯޑިއަލް ސެންޓަރަކީ ފުލުހުންގެ ބަންދަށް ގެންދާ މީހުން ޝަރީއަތުގެ މަރުހަލާގައި ބައިތިއްބާފައި ތިބޭ ޖަލެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް