ads
ހުޅުމާލެ ފޭސް 1--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ކުރިއަށް ގެންދަން ރާވާފައިވާ ދަނޑު ހެއްދުމުގެ މަޝްރޫއެއް ކަމަށްވާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުގައި ބައިވެރިވުމުގެ ސުންގަޑި އެ ކޯޕަރޭޝަނުން އިތުރުކޮށްފި އެވެ.

18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ އެ މަޝްރޫއުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފައި ވަނީ އެ މަޝްރޫއު އަށް ލިބެމުންދާ ތަރުހީބުގެ ބޮޑުކަމުން ކަމަށާއި، އަދި ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއުގައި ތިން ކެޓަގަރީ އަކުން ބައިވެރިވެވޭ އިރު، ފުރަތަމަ ކެޓަގަރީ އަންހެނުންނަށް ހާއްސަކޮށްފައިވާ އިރު، ދެވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށެވެ. އަދި ފަހު ކެޓަގަރީގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. ކޮންމެ ކެޓަގަރީއަކުން ވެސް ތިން މީހުންގެ ގްރޫޕެއް ބައިވެރިކުރެވޭ އިރު، ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނީ އެއް ކެޓަގަރީއަށެވެ.

ފަސް އަހަރުދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ މަޝްރޫއު އަށް ފައިސާ ދެއްކުން ތިން ފިޔަވައްސަކަށް ބަހާލާފައިވާ އިރު، ފުރަތަމަ ފިޔަވަހީގައި (1 ވަނަ މަހުން 3 ވަނަ މަހަށް) އެއްވެސް ވަރަކަށް ފީ ދައްކަން ނުޖެހޭ އިރު، ދެވަނަ ފިޔަވަހީގައި (4 ވަނަ މަހުން 6 ވަނަ މަހަށް) ކޮންމެ މަހަކު -/1275 ރުފިޔާ ދައްކަން ޖެހޭ އިރު، ތިންވަނަ ފިޔަވަހީގައި (7 ވަނަ މަހުން ނިޔަލަށް) ކޮންމެ މަހަކު -/2500 ރުފިޔާ ދައްކަން ޖެހޭ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކަށް އެޗްޑީސީ އިން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އެ ތަމްރީން ޕްރޮގްރާމްތަކުގައި ގްރޫޕެއްގައި ހިމެނޭ ހުރިހާ ބައިވެރިން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ފޯމް ހުށަހަޅާއިރު، އެ ފަރާތްތައް ދިރިއުޅޭ ގޯއްޗެއްގެ ރަސްމީ ލިއުމެއް ހުށަހަޅަންވާނެ ކަމަށާއި، ނުވަތަ އެހެން ގޯއްޗެއްގައި އުޅޭ ފަރާތެއް ނަމަ، އެ ގޯއްޗެއްގެ ވެރިފަރާތުގެ ހުއްދަ އޮތް ކަމުގެ ސިޓީ އާއި އެކު އެ ގޯއްޗެއްގެ ރަސްމީ ލިއުމެއް ފޯމާއި އެކު ހުށަހެޅުމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 5 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް