ads
ފަސްކުރި ދޯނި
މަސްދޯނި ހައިޖެކް ކުރުން: ހަފްތާއެއް ފަހުން އެޗްއާރްސީއެމްގެ ކަންބޮޑުވުން ފާޅުކޮށްފި
ގްރޫޕަކުން ހަތިޔާރާއެކު މަސްދޯންޏެއް ހައިޖެކުކޮށް، މަސްވެރިންނަށް ބިރު ދެއްކި މައްސަލާގައި ހަފްތާއެއް ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަހެއް ބުނެފި އެވެ.

"ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަށް އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވަޅި އަދި ކަނޑި ފަދަ ތަކެއްޗާއެކު ގްރޫޕަކުން އަރާ، ދޯނި ހައިޖެކްކޮށް ގެންގޮސްފައި ވަނީ ލ. ގަމަށެވެ. 

އެނގިފައިވާ ގޮތުގައި ދޯނީގައި ތިބި 22 ފަޅުވެރިންނަށް ބިރު ދައްކާ، ހައިޖެކް ކުރީ ދޯނީގެ ވެރި ފަރާތާއި ދޯނި ކުއްޔަށް ނަގާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ދެމެދު ޖެހުނު މައްސަލައެއްގަ އެވެ.

މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދެއްކުމުން އެ ދޯނި ޖާބިރަށް އެއްކޮށް ލިބޭ ގޮތަށް އެގްރީމަންޓް ހަދާފައިވާ ކަމަށް ވެއެވެ. އެކަމަކު  ޖާބިރު ދައްކަވާފައި ވަނީ ހަތް ލައްކަ ރުފިޔާ ކަމަށް ވެއެވެ.

އެ މައްސަލާގައި ފަޅުވެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އެމީހުން ބުނެ އެވެ. ހާދިސާއަށް ފަހު ފުލުހުންގެ ފަރާތުން ވެސް އެހީއެއް ނުލިބޭ ކަމަށް ބުނެ އެމީހުން ވަނީ ބަޔާނެއް ނެރިފަ އެވެ. 

ފިޝަރީޒް މިނިސްޓްރީ އާއި އެޗްއާރްސީއެމް ފަދަ އެއްވެސް މުއައްސަސާއަކުން މިކަމުގައި މިހާތަނަށް ހިމޭނުން އޮތުމަށް ފަހު، ހަފްތާއެއް ފަހުން އެޗްއާރްސީއެމުން މި ވަނީ އެ ހާދިސާ ކުށްވެރިކޮށްފަ އެވެ. 

އެއީ ޓެރަރިޒަމްގެ އަމަލެއް!

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް، އެތައް ހައްގުތައް ނިގުޅައިގަނެ ހިންގާފައިވާ އަމަލަކަށް ވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. 

އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ތަހުގީގު އަވަސްކޮށް، އެކަން ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

އޭގެ އިތުރުން ކޮމިޝަނުން ބުނީ ދައުލަތުގެ އިދާރާތަކުން އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު އަޅަމުން ދޭތޯ ކައިރިން ބެލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ވަކިވަކި ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ބާރުގެ ބޭނުންކޮށް މައްސަލަ ހައްލު ކުރަން އުޅުމަކީ ހަމަނުޖެހުމާއި ލޭއޮހޮރުވުން އުފެދިދާނެ ކަމަކަށް ވާތީ އެފަދަ އަމަލުތަކުން ދުރުވުމަށް ގޮވާލާފައި ވެއެވެ.

މި މައްސަލައާ ގުޅިގެން 16 މީހުން ހައްޔަރު ކުރި އެވެ. ނަމަވެސް އެ އެންމެން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ އެކަން އިސްތިއުނާފު ކުރާނެ ކަމަށެވެ.

އެ މައްސަލާގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ނުވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއި ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ފްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް