ads
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވަނީ--
އިޓަލީގައި ފިޔަވަޅުތައް ވަރުގަދަކުރާނެ، ލޮކްޑައުން އަކަށް ދިއުން ދުރު
އިޓަލީން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކުރިއަށްވުރެ ވަރުގަދަ ކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ގިސެޕް ކޮންޓޭ ވިދާޅުވެއްޖެއެވެ.

މިއަދު އެ ގައުމުގެ ހައުސް އޮފް ޗެމްބާސްގައި ވާހަކަފުޅު ދައްކަވަމުން ކޮންޓޭ ވިދާޅުވީ އިޓަލީން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިއަށްވުރެ ވަރުގަދަކުރަން ނިންމާފައިވާ ކަމަށާއި، ނަމަވެސް އަދި ލޮކްޑައުން އަކަށް ދާން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކުރިން އިޓަލީން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދުތަކަށް ދަތުރުކުރުން މަނާކުރުމާއި، ރޭގަނޑުގެ ވަގުތުގައި ކާފިއު ހިންގުން ފަދަ ފިޔަވަޅުތައް އެޅުމަށް ވިސްނަމުންދާ ކަމަށް ކޮންޓޭ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ އިރުވެސް، މިދިޔަ މަދު ދުވަސްކޮޅުގައި ކޭސްތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ފާހަގަކުރައްވައި، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް ވަރުގަދަކުރެވިފައި ނުވާ ނަމަ، އިޓަލީގެ ހަތަރުބައިކުޅަ ތިންބައި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތަކަށް ބާރުބޮޑު ކުރާނެ ކަމުގެ އިންޒާރު އިޓަލީގެ ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ޗެމްބާ އޮފް ޑެޕިއުޓީސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ކޮންޓޭ ވިދާޅުވީ އިޓަލީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، އެގޮތުން ކޮވިޑް-19 ފެތުރިފައިވާ ހާލަތަށް ބެލުމަށް ފަހު އެ ގައުމު ތިން ބަޔަށް ބަހާލާއިރު، ބައެއް ސަރަހައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށެވެ.

އިޓަލީގައި ކޮވިޑް-19 ފުރަތަމަކޮޅު ފެތުރުނު ދުވަސްވަރު، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ލޮކްޑައުން ކުރުމުގެ ސަބަބުން، އެ ގައުމުގައި ބައެއް ކުދި ވިޔަފާރިތަކަށް ގެއްލުން ލިބި، ހުއްޓާލަން ޖެހިފައިވާތީ އެ ފަރާތްތަކުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމަށް އިޝާރާތްކުރައްވައި ކޮންޓޭ ވިދާޅުވީ އިޓަލީގެ ފުރަތަމަ ލޮކްޑައުންގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވާނެ ކަން އެނގިލައްވާ ކަމަށާއި، ނަމަވެސް އެ ގައުމުގެ އިގްތިސާދު އެއް މިނެއްގައި ހިފަހައްޓައި، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްޓަކައި ބަލިމަޑުކަން ކޮންޓްރޯލް ކުރުން މުހިއްމުކަމަށެވެ.

އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އިއްޔެ އެކަނިވެސް އެ ގައުމުން 31،756 މީހުންނަށް އެބަލި ޖެހިފައެވެ. އިއްޔެ އަކީ މިހާތަނަށް އެންމެ ގިނައިން އެ ގައުމުގައި ކޮވިޑް-19 ގެ ކޭސްތައް ފެނުނު ދުވަހެވެ.

އިޓަލީގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ހަތް ލައްކަ އަށް ވުރެ އަރާފައިވާއިރު، މިހާތަނަށް ކޮވިޑް ޖެހިގެން އެ ގައުމުގައި 38،826 މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް