ads
ޝާފިއު ތައްޔާރު ކުރި ޝަހީދުންގެ ބިނާގެ މޮޑެލް-- ފޮޓޯ: ގާފޮޅު/ ފޭސްބުކް
ނަސްރުގެ ދުވަސް: ޝާފިއު ހާއްސަ ހަދިޔާއެއް ދިވެހި ސިފައިންނަށް!
ތާރީހީ ބިނާތަކުގެ ހަނދާން، ކުދި މޮޑެލްތަކެއްގެ ސިފައިގައި އާ ކޮށްދޭ ފަންނުވެރިއެއްގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ސީއެންއެމްގައި ވާނީ ގެނެސްދީފަ އެވެ. އެ މަސައްކަތުގައި އުޅޭ އުމުރުން 28 އަހަރުގެ އަބްދުﷲ ޝާފިއު މި ވަނީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ދިމާކޮށް ވަރަށް ފުރިހަމަ މޮޑެލްއެއް ދިވެހި ސިފައިންނަށް ހަދިޔާކޮށްފަ އެވެ.

އެގޮތުން ނަސްރުގެ ދުވަހާ ދިމާކޮށް ދިވެހި ސިފައިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝާފިއު އުފައްދާފައިވާ ޝަހީދުންގެ ބިނާގެ ކުޑަ މޮޑެލް އިއްޔެ ވަނީ ދައްކާލާފަ އެވެ. ސޯޝަލް މީޑިއާގައި ހިންގާ "ގާފޮޅު" ޕޭޖުގައި ފޮޓޯތައް އާއްމުކޮށް ޝާފިއު ވަނީ ނޮވެމްބަރު 3 ގައި ޝަހީދުވެގެން ދިޔަ އަބްތޯލުންގެ ހަނދާން އާކޮށްފަ އެވެ. 

"ކިޔާ ދޫ ތަކުންމީ ޝުކުރުވެރި ތަރާނާ. ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ. ޝަހީދުންގެ ބިނާގެ ކުޑަ މޮޑެލް،" އޭގެ ފޮޓޯތަކާއެކު ޝާފިއު ކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ. 

ޝާފިއު މިއަދު ސީއެންއެމަށް ބުނީ ޝަހީދުންގެ ބިނާގެ މޮޑެލް އޭނާ ތައްޔާރު ކުރީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އެ މޮޑެލް ހެދުމަށް ގާތްގަނޑަކަށް މަސް ދުވަސް ނެގި ކަމަށާއި އެއީ މާ ކުރިން ވެސް ހަނދަން ވިސްނައިގެން ހުރި މޮޑެލްއެއް ކަމަށް ބުންޏެވެ. 

"އަސްލު މާ ކުރިން ވެސް ހަދަން ހިތުލައިގެން ހުރީ. ދެން ނޮވެމްބަރު 3 އާ ދިމާކޮށް ހެދީ،" ޝާފިއު ބުންޏެވެ. 

އޭނާ ބުނީ ޝަހީދުންގެ ބިނާގެ ފުރަތަމަ މޮޑެލް ހެދުމަށް ފަހު ހަދިޔާކުރީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށެވެ. ނަމަވެސް އޭގެ އިތުރު މޮޑެލް ބޭނުންވާ ފަރާތްތަކަށް ތައްޔާރު ކުރުމަށް ފަހު ވިއްކަމުން ދާނެ ކަމަށް އޭނާ ބުންޏެވެ. 

މީގެ ކުރިން ވެސް ޝާފިއު ވަނީ ފާހަގަކުރެވޭ ގިނަ މޮޑެލްތަކެއް ތައްޔާރުކޮށްފަ އެވެ. އެގޮތުން މެދުޒިޔާރަތުގެ މޮޑެލް އާއި މާލޭގައި އިހުގައި ހުރި ގަޑިބުރުގެ މޮޑެލް ފާހަގަކުރެވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން 1988 ވަނަ އަހަރު ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލުކޮށްލަން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނު ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް