ads
ހަކުރު---
އިންޑިއާ މީހުން ގިނައިން ހަކުރު ކާން އަންގައިފި
އިންޑިއާގައި ހަކުރު ގިނަވުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ގިނައިން ހަކުރު ކާން އަންގައިފި އެވެ.

އިންޑިއާގެ ހަކުރު ފެކްޓަރީތަކާއި ބެހޭ އެސޯސިއޭޝަނުން ވަނީ އެ ގައުމުގެ ރައްޔިތުން ގިނައިން ހަކުރު ކެއުމަށް ބާރު އެޅުމުގެ ގޮތުން އޮންލައިން ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ވެބްސައިޓްގައި "އީޓް، ޑްރިންކް، އެންޑް ބީ ހެލްތީ: އަ ލިޓުލް ޝުގާ ނޮޓް އޯލް ދެޓް ބޭޑް" ގެ ނަމުގައި ކުދި ލިޔުންތައް ވަނީ ހިމަނާލައިފަ އެވެ.

އެ އޮންލައިން ކެމްޕޭންގެ ތެރޭގައި މީސްމީޑިއާ އާއި އޮންލައިން ވޯކްޝޮޕްތައް މެދުވެރިކޮށް އިންޑިއާގެ މަޝްހޫރު ޗެފުންނާއި ސިއްހަތާއި ބެހޭ ބައެއް ފަރާތްތަކުން ވަނީ ދުޅަހެޔޮ ދިރިއުޅުމާއި ބެހޭ ގޮތުން މައުލޫމާތު ދީފައެވެ.

އިންޑިއާގައި ހަކުރު ކެއުން ގިނަކުރުމަށް ބާރުއަޅައި ކެމްޕޭނެއް ފަށާފައިވާ އިރު، އެހެން ގައުމުތަކުގައި ވަނީ ހަކުރު ކެއުން މަދުކުރުމަށް ކެމްޕޭންތައް ކުރިއަށް ގެންގޮސްފަ އެވެ. ހަކުރަކީ ޑައިބަޓީސް އާއި އޮބޭސިޓީ ފަދަ ބަލިތަކަށް މަގުފަހިކޮށްދޭ އެއްޗެއް ކަމަށް ބުނެ، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދުނިޔޭގައި ހަކުރު އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމަށްވާ އިންޑިއާ އިން ހަކުރު އުފައްދާ މިންވަރު މި އަހަރު ނިމޭއިރު 13 އިންސައްތަ އިތުރުވާނެ ކަމަށާއި، އެގޮތުން އަހަރު ނިމޭއިރު 31 މިލިއަން ޓަނަށް ވުރެ ގިނަ ހަކުރު އުފެއްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ލަފާކުރެ އެވެ.

އިންޑިއާގެ ރައްޔިތުން ކޮންމެ އަހަރަކުވެސް އެވަރެޖް ގޮތެއްގައި 19 ކިލޯގްރާމްގެ ހަކުރު ބޭނުންކުރާ އިރު، މިއީ ދުނިޔެއިން ހަކުރު ބޭނުންކުރާ ވަރަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް އެންމެ ގިނައިން ހަކުރުގެ ބޭނުން ކުރާ އެއް ގައުމުގެ ގޮތުގައި އިންޑިއާ ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް