ads
ޕްލޭނިން މިނިސްޓަރު މިއަދު މަޖިލީހުގައި--
"އެއްވެސް އެއާޕޯޓެއް ބޭރުގެ ބަޔަކާ ހަވާލެއް ނުކުރާނަން"
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކަށް ހަވާލު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެގޮތަށް އެކަން ނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކަށް ހަވާލު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެގޮތަށް އެކަން ނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ނ. މާފަރުގައި ރައީސް ޔާމީނުގެ ސަރުކާރުން ތަރައްގީ ކުރި އެއާޕޯޓް އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އަދި ޖަވާބުގައި މިނިސްޓަރު ވަނީ މާފަރުގައި އެއާޕޯޓް ތަރައްގީ ކުރި ކުންފުންޏާ އެއާޕޯޓް ހިންގުން ހަވާލުކޮށްފައި ނުވަނީ އެއީ ސަރުކާރުގެ ސިޔާސަތުކަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެތަން އޮޕަރޭޓް ކުރާނީ އައިލެންޑް އޭވިއޭޝަނުން ކަމަށެވެ.

އެގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގަން ހަވާލު ކުރުމަކީ ވަކި ބަޔަކު އެކަމާއި ބިރު ގަންނަ ކަމެއް ކަމަށާއި އަދި މާޒީގައި ކަންކަންވެފައި އޮތް ގޮތުން ވެސް ބޭރުގެ ފަރާތްތަކަށް ދިވެހިންގެ އެއަޕޯޓްތައް ހަވާލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގަން ހަވާލު ކުރުމަކީ ވަކި ބަޔަކު އެކަމާއި ނުހަނު ބިރު ގަންނަ ކަމެއް. އަދި މާޒީގައި ދިވެހިން ކުރި ތަޖުރިބާއަށް ބަލައި ބޭރުގެ ފަރާތްތަކަށް ދިވެހިންގެ އެއާޕޯޓްތައް ހަވާލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އަޅުގަނޑުމެންނަށް މިއޮތީ ތަޖުރިބާ ކުރެވިފަ. ސަރުކާރުގެ ސިޔާސަތަކީ އެއްވެސް އެއާޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކާއި ހަވާލު ނުކުރުން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ދިނެވެ. އެގޮތުން އެއާޕޯޓް 35 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

މަޖިލީހުގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ސިޔާސަތުތަކަކީ އެއިރެއްގައި އޮންނަ އޮއިވަރާއެކީ ބަދަލުވާނެ އެއްޗެއް ކަމަށާއި އެގޮތުން މިއަދުގެ ހާލަތާއި އެއްގޮތަށް ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރު އެކަން މުސްތަގުބަލުގައި ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

މިނިސްޓަރު ވަނީ އަބޫދާބީ ފަންޑުން ހަދިޔާ ކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމުން އެތަނަށް ޑޮމެސްޓިކް ފްލައިޓްތަކަށް ވެސް ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެތަން ހަރުދަނާ ގޮތެއްގައި ހިންގުމަށް ސަރުކާރާއި އައިލެންޑް އޭވިއޭޝަނުން ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް