ads
ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް--
ދެ މިނިސްޓްރީ އެއްކޮށްލުމުން ޒިންމާ އަދާ ކުރުމަށް ދައްޗެއް ނުވޭ: އަސްލަމް
ދެ މިނިސްޓްރީ އެއްކޮލުމަށް ފަހު ހަވާލު ކުރުމުން ޒިންމާ އަދާކުރެއްވުމުގައި ދަތި ނުވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ. 

މިގޮތުން ލ. މާވަށުގެ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވަމުން އެ ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، މިނިސްޓްރީގެ މަސައްކަތްތައް ލަސްވާކަން ފާހަގަކޮށް، ދެވުޒާރާ އެއްކޮށްލުމަށް ފަހު ހިންގަން ހަވާލު ކުރެއްވުމުން އެއްވެސް ދަތިތަކެއް އުޅޭތޯ އައްސަވާފައި ވެއެވެ. ސުވާލު ކުރައްވަމުން ސައީދު ވަނީ، މިނިސްޓަރު އަސްލަމްގެ މަސައްކަތްތައް ކޮންމެވެސް ވަރަށް މޮނީޓާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ސައީދުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ދެ މިނިސްޓްރީ އެއްކޮށްލުމުން މަސައްކަތްތައް ލަސްވާ ކަމަކަށް ނުވަތަ އުނދަގުލެއް ވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ވެސް އެމަނިކުފާނު ހަވާލުވީ، ހަތަރު ވުޒާރާ އެއްކޮށްލުމަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވުޒާރާއަކާ ކަމަށާއި، އެ ވެރިކަން ނިމުމަކާއި ހަމައަށް ވެސް އެކަން އަދާކުރެއްވި ކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މިނިސްޓަރު އަސްލަމް އެންމެ ފުރަތަމަ ހުންނެވީ، މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމުގައެވެ. މިނިސްޓަ އޮފް ހައުސިން އެންޑް އާބަން ޑެވެލޮޕްމަންޓުގެ މަގާމުގައި ހުންނެވި އާމިނަތް އާތިފާ ފަހުން މަގާމުން އިސްތިއުފާދެއްވުމުން، ރައީސް ވަނީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އުފައްދަވާފަ އެވެ. އަދި އެ މަގާމަށް މިނިސްޓަރު އަސްލަމް އައްޔަން ކުރެއްވީ ޖޫންމަހުގެ ތެރޭގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް