ads
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް--
"ނަސޭހަތް ދޭން ވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިން"
މީހަކަށް ނަސޭހަތެއް ދޭނަމަ އެކަން ކުރަންވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މީހަކަށް ނަސޭހަތެއް ދޭނަމަ އެކަން ކުރަންވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން އެހެން ވިދާޅުވެފައި ވާއިރު، އިސްލާމް ދީނަށް ދައުވަތު ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒާ ދެމެދު ދާދި ފަހުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

ލ. ގަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަފްލާއެއްގައި އިޔާޒަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވީ "ހ. ކަޅުވެޔޮ، އަބްދުއްލަތީފްގެ ދަރިއެއް އައިސް އަނެއްކާ އަޅުގަނޑަށް އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" ކަމަށެވެ.

"އަޅުގަނޑަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ އެގޭ އަބްދުއްސައްތާރު. ހ. ކަޅުވެޔޮ އަބްދުއްލަތީފްގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" އިޔާޒާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ ދީނުގެ މަތީގައި. މިއީ 100 ޕަސެންޓް އިސްލާމީ ގައުމެއް. މިތަނުގައި އެހެން މީހަކަށް ދެން ދައުވަތު ދޭކަށް ނެތް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ "މާތްﷲ މަނިކުފާނުގެ މުޑުދާރު އަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަނީސް އަވަހަށް ތައުބާވުމަށް" ގޮވާލައްވާފަ އެވެ.

ނަޝީދަށް ރައްދު ދެއްވުމުގެ ގޮތުން އިޔާޒު ވަނީ ގިނަ ޓްވީޓުތަކެއް ކުރައްވާފަ އެވެ. އެގޮތުން ﷲ ގެ ދީން ބަޔާންކޮށްދިނުމަށް އެންމެ ފަހު ނޭވާއާ ހަމައަށް ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިއަދު މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، އެހެން މީހަކަށް ފާޑުކިޔުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސު އިސްލާހުކޮށްފި ނަމަ، މުޅި މުޖުތަމައު އޮންނާނީ އިސްލާހުވެފައި ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ.

"މީހަކަށް ނަސޭހަތެއް ދޭނަމަ ވެސް އެކަން ކުރަންވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިން،" ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް