ads
ޖާބިރު އަދި އަސްލަމް--
ޖާބިރު ހޯއްދެވި ކޭބަލް ކާރުގެ ރިޕޯޓު ކިޔަން އަސްލަމް "އިންޓްރެސްޓެޑް" އެއް ނުވި
ކ. ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރު އެޅުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރެއްވި ދިރާސާ ބެލުމަށް ޝައުގުވެރި ނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. އެގޮތުން ކާށިދޫ ދާއިރާގެ ޖާބިރު ކުރެއްވީ ކޭބަލް ކާރުގެ ސުވާލެވެ.

ޖާބިރު ވިދާޅުވީ އެ މަސައްކަތް ކުރެވޭނެ ކަމަށާއި ހުއްދަ ދެއްވައިފި ނަމަ ކޭބަލް ކާރު އަޅާނެ ކަމަށެވެ.

މީގެ ކުރިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ކޭބަލް ކާރު އެޅުމަކީ ފީޒިބަލް ކަމެއް ނޫން ކަމަށެވެ. އެ ވާހަކަ ތަކުރާރު ކުރައްވާ މިއަދު ވެސް އަސްލަމް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

"ސާބިތުކަމާއެކު މި ދަންނަވަނީ ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރެއް ނޭޅޭނެ،" އަސްލަމް ވިދާޅުވި އެވެ.

ރައްދުގައި ޖާބިރު ވިދާޅުވީ "ދެ ގަޑިއިރު ތެރޭގައި އިއްޒަތްރެރި ވަޒީރަށް ކޭބަލް ކާރު އެޅޭނެ ކަމަށް ޔޫރޮޕިއަން ޓެކްނޮލޮޖިކަލް ކޮމްޕެނީ، ސެންޓެކްނިކާގެ ރިޕޯޓު،" މިނިސްޓަރަށް ފޮނުއްވާނެ ކަމަށެވެ. 

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ އޭނާއަކީ ވެސް ޓެކްނިކަލް ކަންކަން ދަންނަ މީހެއް ކަމަށާއި ރިޕޯޓު ކިޔަން "އެހާ އިންޓްރެސްޓެޑް" ނޫން ކަމަށެވެ. 

އެ ވާހަކަ އާއެކު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރުގެ އެ ވާހަކައަށް "ހެކިވާނަން" ކަމަށެވެ. 

ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ޖާބިރު މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި އިރު ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެ ނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ޖާބިރު އޭރު ވިދާޅުވި އެވެ.

ކޭބަލް ކާރުގެ އިތުރުން ނިމިދިޔަ ސަރުކާރުން މާލޭގައި ހިންގުމަށް މަސައްކަތް ކުރި ކޮރަލް ބުލިވާޑް މަޝްރޫއާ ގުޅޭ ގޮތުން ވެސް ޖާބިރު ސުވާލުކުރެއްވި އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓުގެ ސައިޓް ބަދަލުވެފައިވާ ކަމަށާއި އެ ސައިޓާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

"ކޮރަލް ބުލިވާޑް މަޝްރޫއުގެ ލޮކޭޝަން ހުޅުމާލެއަށް ބަދަލުވެފައި ވަނީ. ބިމެއް އައިޑެންޓިފައިކޮށް އެ ނެގޯޝިއޭޝަން އެބަދޭ،" އަސްލަމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް