ads
ކަނޑިންމަ ރިސޯޓް--
ރިސޯޓުތަކުން އުސޫލުތަކާއި ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅަނީ
ޓޫރިސްޓް ފެސިލިޓީތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައިވަނީ އެޗްޕީއޭ އާއި މިނިސްޓްރީ އިން އުސޫލުތައް ކަނޑައަޅާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ކަމަށާއި، ފަތުރުވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުން މި އުސޫލުތަކަށް ތަބާވުން މުހިއްމު ކަމަށެވެ.

އަދި މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ނަމަ، މިނިސްޓްރީ އިން އެއްވެސް އެންގުމަކާއި ނުލާ އެ ޓޫރިސްޓް ފެސިލިޓީއެއް ހިންގުމުގެ ހުއްދަ އުވާލަން ޖެހިދާނެ ކަމަށާއި، އޭގެ ސަބަބުން ފެސިލިޓީތައް ހިންގާ ފަރާތްތަކަށް ދިމާވާ ގެއްލުންތަކަށް މިނިސްޓްރީ އިން ޒިންމާ ނުނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އުސޫލުތަކުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އިން ޓޫރިސްޓް ފެސިލިޓީތައް ހިންގަން ފެށުމަށް ހުއްދަދީފައިވާ އިރު، ގިނަ ފެސިލިޓީތަކުން އެ އުސޫލުތަކަށް އަމަލުކުރަމުން ދިޔަ ނަމަވެސް، މަދު ފެސިލިޓީތަކުން އުސޫލާއި ހިލާފަށް އަމަލުކުރަމުން ދާތީ މިނިސްޓްރީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާތަނަށް 31 ރިސޯޓަކުން ކޮވިޑް-19 ގެ 140 ކޭސް ފެނިފައިވާ އިރު، އޭގެ ތެރެއިން ކޮވިޑް ޖެހުނު 97 މީހުންނަކީ ރިސޯޓް މުވައްޒަފުންނެވެ. އަދި 43 މީހުންނަކީ ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް