ads
ނައިބު ރައީސް ފައިސަލް ނަސީމް
އިލްމީ ދިރާސާއަކީ ދާއިރާތަކުން ކުރިއެރުން ހޯދުމަށް މުހިންމު ވަސީލަތެއް: ފައިސަލް ނަސީމް
ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލުން، އިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އިސް ދައުރެއް އަދާކުރާ މުހިންމު ވަސީލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޮވިޑް-19 އާގުޅޭ ހާއްސަ އަދަދު ނެރުމަށް އެ ޔުނިވާސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖާނަލް ނެރެދެއްވުމަށް ފަހު ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ދިރާސާކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައަވާފައެވެ. އަދި ގައުމީ ޔުނިވާސިޓީން އެ ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރާ ކަމަށާއި އެމިފަދަ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތާއި ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރާނެ، އަދި ގައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު، ލާބައާއި މަންފާ ކުރަނިވި މައުލޫމާތުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎"އެކި މީހުންނަށް މާތް ރަސްކަލާންގެ މިންވަރުކުރައްވަނީ އެކި ކަންތައްތައް. އެއް ބައިމީހުންނަށް ޢިލްމު، އަނެއްބައި މީހުންނަށް ތަނަވަސްކަން، އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި ބޮޑު ހިތެއް. އެހެންވީމާ، އެ މީހަކަށް އެ ލިބިފައިވާ ނިޢުމަތެއްގެ އެންމެ ރަނގަޅު ބޭނުންހިފުމަކީ އަބަދުވެސް އަހަރެމެން ގަދައަޅާ މަސައްކަތްކުރަންޖެހޭނެ ކަމެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

‎އެ މޭރުމުން އިތުރަށް ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގައުމު ކުރިމަތިލީ، މި ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާއި ކަން ކުރަންޖެހޭ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ނެތި ކަމަށެވެ. އަދި، މިހާރު އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި، އެ ބަލިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި، އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ.ހަސަން ހަމީދުގެ އިތުރުން އެ ޔުނިވަރުސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް