ads
ހދ. ހަނިމާދޫގައި ޑިޓޮކްސް ސެންޓަރެއް ރައީސް ސޯލިހް ހުޅުއްވާދެއްވަނީ --- ފޮޓޯ: ސަން
ހަތް ސަރަހައްދެއްގައި ޑިޓޮކްސް ސެންޓަރުތަކެއް ގާއިމުކުރަނީ
ރާއްޖޭގެ ހަތް ސަރަހައްދެއްގައި މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ މަރުކަޒްތަކެއް ބިނާކޮށް ހިދުމަތްދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތައް ވިދާޅުވެފައިވަނީ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް)ގެ ތިންވަނަ ސައިކަލްގެ ރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަދައްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދައިދިނުމާއެކު މުޖުތަމައު އަށް އެފަރާތްތަށް އަލުން އަބުރާ ގެނެވޭނެ މަގުތަށް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރެވެމުންކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ވަށައިޖެހޭ ފަރުވާދެވޭނެ ނިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ފަށާފަކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ހަތް ސަރަހައްދެއްގައި މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ މަރުކަޒްތަކެއް ބިނާކޮށް ހިދުމަތްދިނުމަށެވެ. ހަމަ މިއާއިއެކު ހާފްވޭ ހައުސްއެއްގެ ގޮތުގައި މިވަގުތު ބޭނުންކުރަމުން ގެންދާ މަރުކަޒް އަޕްގްރޭޑްކޮށް ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ވަނީ ފެށިފަ. މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ބޭނުންވާ ފަރުވާ ތަރައްގީކޮށް އާ ހޯދުންތަކުގެ އަލީގައި ފަރުވާގެ ޕްރޮގްރާމްއަށް ބަދަލުތަކެއް ވަނީ ގެންނަން ފަށާފަ. އެގޮތުން މެތަޑޯން ތެރަޕީ ދިވެހިރާއްޖޭގައި ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ފެށިފަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ދާއިރާއިން ގިނަ ކަންކަން ރާއްޖެއިން ހާސިލްކޮށްފައި ވީނަމަވެސް ރޭވިފައިވާ ކަންކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރާކަމަށެވެ. އަދި މިނިސްޓްރީތަކުން ތިބީ ހަރުދަނާ މުޖުތަމައުއެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ބޭނުންވާ ވަގުތާއި އެއްބާރުލުމާއި ކަންކަން ޕްލޭންކޮށް ތަންފީޒުކުރުމަށް ހޭދަކުރަން ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސިޔާތުތަކުގެ ސަބަބުން، މި ދާއިރާއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކުގެ ދަތިތަކާއި، ތަމްރީން ކުރެވިފައިވާ މުވައްޒަފުންގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަން ކަށަވަރުވާކަމަށާއި ދާއިރާގައި އެއްކުރެވޭ ތަފާތު މައުލޫމާތުތައް ޑިޖިޓަލައިޒް ކުރެވި މިކަމުގެ ސަބަބުން އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނެކަން ކަށަވަރުވާ ކަމަަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖޭ ޒުވާން ޖީލަށް އޭގެ ސަބަބުން ގިނަގުނަ ނޭދެވޭ އަސަރުކުރުވާ އިޖްތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް