ads
ރައީސް އިބްރާހިމް މުހައްމަދި ސާލިހު--
ސަރުކާރުގެ އެންމެ ބޮޑު ގޮން ޖެހުން: ކޮވިޑުގެ ރާޅުގައި ރާއްޖެ ގެނބުން؟
ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރި ހަނގުރާމައަށް އަވަސް ކަޅިއެއް
ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފަހު އަދާ ހަމައަށް މި ސަރުކާރަށް ދެ އަހަރު ވީއިރު، ދިވެހި ގައުމަށް ކުރިމަތިވެފައި މިވަނީ މީގެ ކުރިން ދުވަހަކު ވެސް އަޅުގަނޑުމެން ތަހައްމަލް ކުރަން ނުޖެހޭ ފަދަ ދުވަސްތަކަކާއެވެ. ބޮޑެތި އެތައް ދައުލަތްތަކެއް އިނދަ ޖައްސާލި، ކޮވިޑް-19 ގެ ތޫނު ވަކިތައް، ދިވެހި ފަސްގަނޑުގައި ވެސް ވަކި ހިއްޕާލީއެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ގައުމު ހިންގުމުގައި މިހާރު ޖަޒީރާ ރާއްޖެއަ ށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ މި ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރަން ޖެހުމެވެ.

ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އެހެން ގައުމުުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ހިންގުމުގެ ނިޒާމާއި، އަދި މި ނޫން ވެސް އެތައް ކަމަކަށް ނުހަނު ބޮޑަށް ބުރޫއަރާފައި ވާކަން ނުދަންނަ ފަރުދެއް ނުހުންނާނެކަން ޔަގީނެވެ. މާލީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ތައުލީމީ ނިޒާމާއި، ވަކިން ހާއްސަކޮށް ސިއްހީ ނިޒާމާއި، މިހެން ގޮސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް މި ވަބާގެ އަސަރު މިއަދު މިވަނީ ފޯރާފައެވެ. 

މި ރިޕޯޓުގައި ބަލާލަން ގަސްތުކުރަނީ، މުޅި ގައުމު ހުއްޓުމަކާއި ދިމާލަށް މިސްރާބު ޖެހުވި ކޮވިޑް-19 އާއި ދެކޮޅަށް މި ސަރުކާރުން އެޅި ފިޔަވަޅުތަކާއި، މިހާތަނަށް މި ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން ކުރި ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން ކޮވިޑާއި ދެކޮޅަށް ޖަޒީރާ ރާއްޖެއިން ކުރި ހަނގުރާމަ ކޮންމެވެސް ވަރަކަށް ހުލާސާ ކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ. 

your imageރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރާއްޖެއިން ފުރަތަމަ ކޮވިޑަށް މީހަކު ޕޮސިޓިވްވުން 

ރާއްޖެއިން ކޮވިޑް-19 ގެ އެންމެ ފުރަތަމަ ކޭސް ފެނިފައި ވަނީ މާޗް މަހު އެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ ފަތުރުވެރިއެއް އަނބުރާ ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އޭނާ ރާއްޖޭގައި ހުރި ރިސޯޓު ކަމަށްވާ، ކުރެއްދޫ އައިލެންޑް ރިސޯޓުން އޭނާ އާއި ކޮންޓެކްޓްވި މީހުން ބަލައި ހޯދުމުގެ ތެރެއިން އެ ރިސޯޓުން އޭނާ ބަލިވެގެން ދެއްކި ޑޮކްޓަރު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ޑޮކްޓަރާއިއެކު އޭނާގެ ފިރިމީހާ ވެސް ޕޮސިޓިވްވިއެވެ. މިހެންގޮސް ކުރެއްދޫއިން ޖުމްލަ ފަސް މީހުން ޕޮސިޓިވްވިއެވެ. 

އޭރު ކޭސްތައް ފެންނަމުން ދިޔައީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިންނެވެ. އެގޮތުން ބަތަލާ އައިލެންޑް ރިސޯޓުން ދެ މީހަކު، ކުރަމަތި އައިލެންޑް ރިސޯޓުން ވެސް ދެ މީހަކު އަދި އަނަންތަރާ ދިގުރަށުން ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ސަފާރީއަކުން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވިއިރު، މި ބަލި ރާއްޖެއިން ޖެހުނު ފުރަތަމަ 15 މީހުންނަކީ ބިދޭސީންނެވެ. ނަމަވެސް 16 ވަނަ މީހާއަކީ ދިވެއްސެކެވެ. އެއީ ކޮވިޑަށް ޕޮސިޓިވްވި ފުރަތަމަ ދިވެހި މީހާއެވެ. މިހެން ގޮސް 20 ވަނައަށްވެސް ޕޮސިޓިވްވީ ދިވެހިންނެވެ. ނަމަވެސް އެއީ އޭރު އެކި ގައުމުތަކުގައި ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުން ދިއުމާއި ގުޅިގެން ބޭރު ގައުމުތަކުން އެނބުރި ރާއްޖެ އައިސް ކަރަންޓީނުގައި ތިބި މީހުންނެވެ. 

ނަމަވެސް މާލެއިން ފުރަތަމަ ކޭސް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ ރާއްޖެއިން ބައްޔަށް ޕޮސިޓިވްވި 21 ވަނަ ކޭސްއިން ފެށިގެންނެވެ. އެއައްފަހު ދުވަހެއް ދުވަހަކަށް ޕޮސިޓީވްވާ މީހުން ގިނަވާން ފެށިއެވެ. ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއިއެކު ސަރުކާރުން ވަގުތުން ސިއްހީ މާހިރުންގެ ލަފަޔާއި އެއްގޮތަށް ފިޔަވަޅު އަޅަން ފެށިއެވެ. އެގޮތުން މުޅި މާލެ ލޮކްޑައުންކޮށް، އަތޮޅު ތެރޭގައި ވެސް އެއްރަށުން އަނެއް ރަށައް ދަތުރުކުރުން މަނާކުރިއެވެ. 

your imageކޮވިޑް

ރާއްޖެ ލޮކްޑައުން އަކަށް ދިއުން

މާލެ އިން ފުރަތަމަ ކޭސް ފެނި ކޮމިއުނިޓި ސްޕްރެޑަކަށް ދިއުމާއިއެކު ސަރުކާރުން އެޅި އެންމެ މުނާސަބު އެއް ފިޔަވަޅަކީ އިސްވެ ފާހަގަކުރެވުނު ގޮތަށް ލޮކްޑައުން އަކަށް ދިއުމެވެ. އަތޮޅުތެރޭގައި ބަލި ނެތްކަމަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރިއެވެ. އަދި މާލޭގައި އެއްގޮތަކަށްވެސް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ. ރާއްޖެއަށް މީހުން އައުން މަދުކުރުމަށް ބޯޑަރު ބަންދު ކުރެވުނެވެ. ނަމަވެސް މިކަމުގެ ސަބަބުން އެތައް ގިނަ އުނދަގޫތަކަކާއި ރައްޔިތުންނަށް ކުރިމަތިލާން ޖެހުނެވެ. އެކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ގިނަ ވުޒާރާތަކުން ދޭ ހިދުމަތްތައް އޮންލައިންކޮށް ދޭގޮތަށް ބަދަލު ގެނެވުނެވެ. 

އެންމެ ބޮޑު ކަމަށް މާލޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށާއި، ބަލީގެ އަލާމާތްތަށް ހުރި މީހުން ހޯދައި ޓެސްޓުކޮށް ޕޮޒިޓްވާ މީހުން ހޯދުމާއި މިފަދަ އެންމެހާ ކަންކަމަށް ދަރުބާރުގޭގައި ސެންޓަރެއް ގާއިމްކުރެވި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ހެލްތް މިނިސްޓްރީ އާއި އެކު މަސައްކަތް ފެށުނެވެ. އަދި މެދުނުކެނޑި ކޮންމެ ރެއަކު ނޫސްވެރިންގެ ބައްދަލުވުން ބައްވައި އަޕްޑޭޓް ދޭން ފެށިއެވެ. 

your imageމަބްރޫކް

ލޮކްޑައުން އާއި ގުޅިގެން ދަތިތަކާއި ކުރިމަތިލާން ޖެހުން

ލޮކްޑައުން އާއި ގުޅިގެން އެތައް ދަތި ތަކަކާއި ކުރިމަތިލާން ޖެހުނެވެ. ހާއްސަކޮށް ޕްރައިވެޓް ކުންފުނިތައް ހުއްޓުކަމަށް އައިސް ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. ބޯޑަރު ބަންދުކޮށް ފަތުރުވެރިކަމަށް ހުއްޓުމެއް އައުމުން އިގްތިސާދަށް ބޮޑުތަނުން ލޮޅުން އައެވެ. އެކި ބޭނުންތަކަށް މާލެ އައިސް ތިބި އެތައް ބަޔަކު ރަށްރަށަށް ނުދެވި މާލޭގައި ތާށިވިއެވެ. ބޭސްފަރުވާއަށާއި އެހެނިހެން ބައެއް މުހިންމު ބޭނުންތަކަށް މާލެ އަންނަން ބޭނުންވެފައި ތިބި މީހުންނަށް މާލެ ނާދެވި އަތޮޅުތެރޭގައި ތާށިވިއެވެ. މިހެންގޮސް އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. 

your imageމާލެ ކާފިއު

ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތް

އެންމެ ފުރަތަމަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި އަދި މިނޫންވެސް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ރާއްޖޭގައި ކޮވިޑު ފެތުރެމުންދާ މިންވަރާއި ބަލި އޮތް މިންވަރާއި، އަދި ކޮންޓްރޯލް ކުރުމަށް އެންމެ އަވަހަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ސިއްހީ ދާއިރާއަށް ވަސީލަތްތަކުގެ ގޮތުންނާއި ހިދުމަތުގެ ގޮތުންވެސް އިތުރު ކުރަންޖެހޭ ތަކެއްޗާއި ކަންކަން ދެނެގަނެ ދިރާސާތަކެއް ކުރިކަން ފާހަގަކުރެވެއެވެ. މާލޭގެ އިތުރުން އަތޮޅެރޭގެ ރަށްރަށުގައިވެސް ކޮވިޑް ޓާސްކްފޯސް އުފައްދައިގެން ވަކި ގައިޑްލައިން ތަކެއްގެ ދަށުން އެ ޓާސްކްފޯސްތައް އޮޕަރޭޓްކުރަން ފެށިއެވެ. 

އެގޮތުން މާލޭގައާއި އަތޮޅެރޭގައި ފްލޫ ކުލިނިކު ހުޅުވައި، ވޯސްޓް ކޭސް ސިނާރިއޯއަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފަދަ ތަކެތި ހޯދުމުގެ މަސައްކަތް ފެށުނެވެ. އަދި ވަގުތުން ވަގުތަށް ބައްޔަށް ޕޮސިޓިވްވާ މީހުން ވަކިން ތަނެއްގައި ބަހައްޓައި ފަރުވާދިނުމަށް ތަންތަން ހާއްސަކުރެވުނެވެ. އެގޮތުން އެންމެ ފުރަތަމަ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަރަންޓީނު ކުރުމަށް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރީ ފަރުކޮޅުފުއްޓެވެ. ނުވަތަ ކުރީގެ ނަމުން ނަމަ ކްލަބް ފަރެވެ. 

your imageފަރުކޮޅުފުށި ފެސިލިޓީ ރައީސް ބައްލަވައިލެއްވުން 

ނަމަވެސް ކޭސްތައް އިތުރުވަމުން ދިއުމާއިއެކު އިތުރު އައިސޮލޭޝަން ފެސިލިޓީތަައް ގާއިމްކުރިއެވެ. އެގޮތުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީއާއި އަތޮޅުތެރޭގެ އެކި ރައްރަށުގައި ވެސް އައިސޮލޭޝަން ފެސިލިޓީ ވެސް ގާއިމްކުރަން ފެށިއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އެކަހެރިކޮށް ބެހެއްޓޭނެ ނިޒާމެއް ހަމަހައްސައި އަދި އޮޅުތެރޭގެ އެކި ހިސާބުތަކުގައި އައިސޮލޭޝަން ފެސިލިޓީ އެޅިއެވެ. އަދި ދަނޑިވަޅަކީ ޓޫރިޒަމް ވެސް ހުއްޓިފައި އޮތް ދަނޑިވަޅެއް ކަމުން ބައެއް ރިސޯޓުތައް ވެސް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފެށުނެވެ. އަދި ބަލީގައި ހާލުބޮޑުވާ މީހުންނަށް އައިސީޔޫގައި ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ހާއްސަކުރެވުނެވެ. 

ދެން ފެންމަތިވީ ސީރިއަސް އެހެން މައްސަލައެކެވެ. ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއް ނަމަވެސް އައިސޮލޭޝަން ފެސިލިޓީކުގައާއި އެހެނިހެން ކަންކަމުގައި ވެސް ބޭނުން ކުރަން ޕީޕީއީ ލިބުމުގައި ދަތިތަކެއް ހުރުމެވެ. އެގޮތުން ހެޒެމްޓް ސޫޓް، މާސްކް، ސާޖިކަލް ގައުންސް، ސާޖިކަލް މާސްކް، ގޮގްލްސް، ހެޑް ކަވާސް، ޝޫ ކަވާސް އަދި ފޭސް ޝީލްޑާއި އެގްޒަމިނޭޝަން ގްލަވްސް ފަދަ ތަކެތި އެންމެ އެކަށިގެންވާ ވަރަށް ނެތުމެވެ. 

މިކަމަށް ވެސް ސަރުކާރުން ހައްލު ހޯދިއެވެ. އެގޮތުން މިތަކެތި ހޯދުމުގައި އދ. ގެ އިތުރުން ގިނަ ގައުމުތަކަކުން އެހީ ހޯދިއެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއީ ހުސްވެގެން ނުވަތަ ނެތިގެން ކޮވިޑަށް ފަރުވާދިނުމުގައި ހުއްޓުމެއް ނާންނަކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދުމުގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވިއެވެ. އެންމެ ފުރަތަމަ ގެނައި ވެންޓިލޭޓަރުތަކުގައި ޖެހުނީ އެއީ ރާއްޖޭގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ވެންޓިލޭޓަރުތަކަށް ނުވުމެވެ. ނަމަވެސް ފަހުން ކުރި މަސައްކަތުން އެ ވެންޓިލޭޓަރުތައް ބަދަލުކޮށް އެކަށީގެންވާ ނުވަތަ ރާއްޖޭގައި ބޭނުންކުރެވޭ ވެންޓިލޭޓަރު ހޯދިއެވެ. ނަމަވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދަން ކުރި މަސައްކަތަށް އަދިވެސް ކޮޅެއް ނުފެނެއެވެ. އެއީ ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ގެންނަން މަސައްކަތް ކުރި 75 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. 

your imageކުރީގެ ހެލްތު މިނިސްޓަރު އަމީން 

އަދަދުތައް ދަށަށް، ފެހި ސިގުނަލެއް 

ގައުމު ލޮކްޑައުންއަކަށް ގެންގޮސް އިސްވެ ފާހަގަކުރެވުނު ކަންކަން ސަރުކާރުން ކުރުމީ ކޮވިޑުގެ ބަލިމަޑުކަމުން ރާއްޖެއަށް ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ ކޮވިޑުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް ފެހި ސިގުނަލެއް ލިބުނު މައިގަނޑު ސަބަބެވެ. އެއީ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމާއި އަދި މިނޫން ވެސް ގޮތްގޮތުން ކުރިއެރުންތަކެއް ފެންނަން ފެށުމާއިއެކު ލޮކްޑައުން ކުރިތާ މަސްތަކެއް ފަހުން ސަރުކާރުން ލުއިތަކެއް ދޭން ފެށިއެވެ. ނަމަވެސް ވަގުތާއި ހާލަތަށް ބަލައި ވަކި ކަހަލަ ލުއިތަކެކެވެ. 

ނަމަވެސް އެ ލުއި ދިނުމާއި އެކު ދެން ފެނުނީ އަނެއްކާވެސް ކޮވިޑުގެ ދެވަނަ ރާޅެއް ބޯމަތި ކޮށްލިތަނެވެ. އެހިސާބުން ލުއިތަކަށް ބަދަލުގެނައެވެ. ނަމަވެސް ދެވަނަ ފަހަރަށް ލޮކްޑައުން އަކަށް ނުދެއެވެ. އެހެނެއް ކަމަކު މާސްކް އެޅުން މަޖުބޫރެވެ. ޒަރޫރީ ބޭނުމެއް ނެތި ދަތުރުފަތުރު ކުރުން މަނަލެވެ. މާލެ ސަރަހައްދުގައި ވަކި ވަގުތެއްގެ ފަހުން ބޭރުގައި އުޅުން މަނަލެވެ. އާންމުކޮށް އެއްވެ އުޅުމާއި ކުޅިވަރުތައް ކުޅުން މަނަލެވެ. މިހެންގޮސް އެތައް ކަމެއް ސަރުކާރުން އޮތީ ހިފަހައްޓާފައެވެ. 

އިގްތިސާދަށް ލޮޅުން އެރުން

އަނެއްކާވެސް ތަންކޮޅެއް ފަހަތަށް ޖެހިލަމާތޯއެވެ. ރާއްޖެއަކީ އިމްޕޯޓް މުދަލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމެއްކަމުން، ބޯޑަރު ބަންދުކޮށް ލޮކްޑައުންއަކަށް ދިއުމާއިއެކު ކާބޯތަކެތި ނުވަތަ ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން ދިޔައީ އަވަށްޓެރި އެކުވެރި ގައުމުތަކުގެ އެހީ ހޯދަމުންނެވެ. އެގޮތުން ކާޑުގެ ބާވަތްތައް ފަދަ ޒަރޫރީ ގިނަ ތަކެތި ހޯދުމުގައި އިންޑިއާ ފަދަ ގައުމުތަކުގެ އެހީ ސަރުކާރުން ހޯދިއެވެ. 

your imageކޮވިޑާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުން 

ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ކުރާ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވެފައި، ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް ގޮސްފައި އޮތުމުން، މިފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދަށް ނާރާފަދަ ބޮޑު ލޮޅުންގަނޑެއް އެރިއެވެ. އަނެއްކޮޅުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިއުމާއިއެކު އައިސޮލޭޝަން ފެސިލިޓީތަކަށްވެސް ދިޔައީ ބާރު ބޮޑުވަމުންނެވެ. އެއާއިއެކު ދައުލަތުން ކުރާ ހޭދަ ބޮޑުވިއެވެ. އެގޮތުން މިހާތަނަށް ދައުލަތުން ކޮވިޑަށް އެކަނިވެސް 2.3 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފައެވެ. 

ދެން ޖެހުނީ އެހެނިހެން ކަންކަމަށް ކުރާ ހޭދަ ކުޑަކުރާށެވެ. ސަރުކާރުގެ ގިނަ މަޝްރޫއުތައް މަޑުޖައްސާލާށެވެ. އަދި އިތުރު މަޝްރޫއު ފެށުން ވަގުތީ ގޮތުން ހުއްޓާލާށެވެ. މިއީ ދައުލަތުގެ ބަޖެޓުން ހޭދަކުރާ މިންވަރު ކުޑަކުރުމަށް ކުރެވުނު އެންމެ ބޮޑު އެއްކަމެވެ. މީގެ އިތުރަށް ސަރުކާރުގެ އިސް ފަރާތްތައް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރިއެވެ. އަދި މުއައްސަސާތައް ހިންގުމުގައި ހަރަދު ކުޑަކުރުމުގެ ސިޔާސަތު ގެންގުޅެން ފެށިއެވެ. 

ބޭރުގެ އެހީ ހޯދުން 

އިގްތިސާދަށް އައި ލޮޅުންގަނޑުގެ ސަބަބުންނާއި، ކޮވިޑަށް ދައުލަތުން ކުރާ ހޭދަ ބޮޑުވުމާއިއެކު ސަރުކާރުން މިކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތްތަކުގެ ދަށުން ބޭރުގެ ފަރާތްތަކުގެ މާލީ އެހީތެރިކަން ހޯދިއެވެ. އެގޮތުން މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ގާތްގަނޑަކަށް 520 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. 

އެގޮތުން މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި، އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމެންޓް ބޭންކް އާއި، ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި، އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓް އާއި، އައިއެމްއެފް އާއި އައިޑީބީ އާއި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ވޯލްޑް ބޭންކެވެ.

ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި، ޖަޕާނާއި، ޗައިނާ އާއި، ސިންގަޕޫރާއި، އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އަދި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ހިމެނެ އެވެ.

your imageކޮވިޑާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީ ފޯރިކޮށްދިނުން 

އިކޮނޮމިކް ރިލީފް ފަންޑު 

މީގެ އިތުރުން އިގްތިސާދަށް އައި ލޮޅުންގަނޑުގެ ސަބަބުން ގިނަ އާންމު ރައްޔިތުންތަކެއްގެ ވަޒީފާ ގެއްލުނެވެ. ކުދި ވިޔަފާރި ހުއްޓުމަކަށް އަންނަން ފެށިއެވެ. އެގޮތުން މިހާތަނަށް ހެދުނު ތަފާސްހިސާބުތަކަށް ބަލާނަމަ ވަޒީފާތައް މަދުވެ، 10،000 އަށް ވުރެ ގިނަ ރައްޔިތުންގެ ވަޒީފާ އަށް އޭގެ ނޭދެވޭ އަސަރު ވަނީ ފޯރާފަ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން އިކޮނޮމިކް ރިލީފް ފަންޑެއް ތައާރަފްކުރި އެވެ. 

އެގޮތުން އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ސަރުކާރުން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުން 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ އިރު، ފެން ބިލްތަކަށް 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އަންނަނީ ދެމުންނެވެ.  

އަދި ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން މިހާތަނަށް ލޯންގެ ގޮތުގައި ސަރުކާރުން ވަނީ 1.15 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1،955 ފަރާތަކަށް ލޯނުގެ ގޮތުގައި ޖުމްލަ 316.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ބީއެމްއެލް މެދުވެރިކޮށް 391 ފަރާތަކަށް ލޯނުގެ ގޮތުގައި ޖުމްލަ 551.8 މިލިއަން ރުފިޔާގެ އިތުރުން އަށް މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 101.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ލޯން ސްކީމަށް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ކަރަންޓު ބިލުގެ ޑިސްކައުންޓަށް 34 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ސަރުކާރުން ވަނީ ހޭދަކޮށްފައެވެ. 

your imageފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް

މިހާރުގެ ހާލަތު 

އިސްވެ ފާހަގަކޮށްފައި އެވަނީ ސަރުކާރަށް ދެ އަހަރު ފުރުނިއިރު ދިމާވި އެންމެ ދަތި ކަންތައް ކަމުގައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ސަރުކާރުން ކުރި ހަނގުރާމައެވެ. ހުރިހާ ކަމެއް ވަކިވަކިން އެންމެ ތަފްސީލުކޮށް ހިމަނާ ނުލެވުނު ނަމަވެސް އެކަށީގެންވާ މިންވަރަކަށް ހިމަނާލެވުނު ކަމަށް އުންމީދުކުރަމެވެ. ނަމަވެސް ރިޕޯޓް ނިންމާލުމުގެ ކުރިން މި ބަލިމަޑުކަމާއިއެކު އަދުގެ ހާލަތަށް ބަލާލަމާތޯއެވެ. ސަރުކާރުގެ މި މަސައްކަތުގެ ނަތީޖާއަށް ބަލާލަމާތޯއެވެ. 

ރާއްޖެއިން ކޮވިޑް އެންމެ ފުރަތަމަ ފެނުނު ފަހުން މިހާތަނަށް އަށްމަސް ވެފައި ވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 12،000 އިން މަތީގައެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ވަނީ 41 މީހަކު މަރުވެފައެވެ. ނަމަވެސް ސަރުކާރުން ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކާއި އަދި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއިއެކު މިހާރު ވަނީ ކުރިއަށްވުރެ އެކްޓިވް ކޭސްތަކުގެ އަދަދު މަދުކުރެވިފައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ބޮޑުތަނުން މަދުކުރެވިފައެވެ. 

your imageޑރ. ނަޒްލާ ރަފީގް-- 

ބޯޑަރު ހުޅުވާލެވި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަނެވިއްޖެއެވެ. ލޯކަލް ޓޫރިޒަމް ވެސް ފެށިއްޖެއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައި އޮތް ނަމަވެސް ކުރިއަށް ވުރެ އެތައް ގިނަ ލުއިތަކެއް ދީފިއެވެ. 

ސަރުކާރުން ކޮވިޑާއި ދެކޮޅަށް ކުރި ހަނގުރާމައިގެ ކްރެޑިޓް، ހެލްތް ވޯކަރުންނާއި، ފުލުހުންނާއި ސިފައިންނާއި، ވޮލެންޓިއަރުންނާއި އަދި މި ނޫން ވެސް ފްރަންޓް ލައިނުގައި ހަރަކާތްތެރިވި އެންމެނަށް ހައްގެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް