ads
މާލޭގެ ސަރަހައްދެއްގައި ބަޔަކު-- ފޮޓޯ: ވަން އޮންލައިން
އަންހެން ކުދިން ހިތާނު ކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ވިސްނަނީ
ރާއްޖޭގައި އަންހެން ކުދިން ހިތާނު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސިޔާސަތެއް އެކުލަވާލުމަށް ސަރުކާރުން ވިސްނަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެކަން ހާމަކޮށްފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަން ކުރުމަށް އިއްޔެ ބޭއްވި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ. 

އެގޮތުން ފީމޭލް ޖެނިޓަލް މިޔުޓިލޭޝަން (އެފްޖީއެމް) ނުވަތަ އަންހެނުންނާއި އަންހެން ކުދިން ހިތާނު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގަތުމަށް ސިޔާސަތެއް އެކުލަވާލުމާ މެދު ވިސްނަމުންދާ ކަމަށް ރިފްއަތް ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ބުނީ މި ވަގުތު އިތުރު ތަފްސީލެއް ފޯރުކޮށްދެވެން ނެތް ކަމަށެވެ. 

ސަރުކާރުން ހަދާފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއާ ހަވާލާދީ ޔުނިސެފުން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށެވެ. 

މިދިޔަ ފެބްރުއަރީ މަހު ޔުނިސެފުން އާއްމުކުރި ދިރާސާ ރިޕޯޓުގައިވާ ގޮތުން އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.

އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައި ވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.

އެހެންކަމުން، މިއީ ކުރިން އާއްމު އަދި މިހާރު މަދުވެފައިވާ ސަގާފަތެއްކަން ރިޕޯޓުން ހާމަވެ އެވެ.  

އެކަމާ މެދު ދެކޭ ގޮތް ވެސް ދިރާސާއަށް ހޯދާފައި ވާއިރު އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް ގަބޫލު ކުރަނީ އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި އަށް ޕަސެންޓް މީހުން، އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް ބުނެފައި ވެއެވެ.

އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދޭ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވިދާޅުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް