ads
ފުލުހުން އާޢްމުކުރި ވީޑިއޯއިން ފެންނަ ދެ މީހުން--
ވައްކަމެއް ކޮށްގެން ތިބި ބަޔަކު ހެން ހީވެސް ނުވޭ!
މިއަދު ހެނދުނު ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކުރި އެ ކުރު ވީޑިއޯއިން ފެންނަނީ ކޮނޑުގައި ދަބަހެއް އަޅައިގެން ތިބި ދެ ފިރިހެނުން މާލޭގެ މަގެއްގެ މަތީގައި އުޅޭ މަންޒަރެވެ. ފެންނަ ފެނުމަށް އެއީ މަޖީދީ މަގު ހެން ހީވެ އެވެ. މަގުމަތިން ވެހިކަލްތައް ދާ މަންޒަރު ފެންނައިރު، ޕިކަޕެއް ހުއްޓުވައި، ވާހަކަދައްކާ ތަން ވެސް ފެނެ އެވެ.

އެއްވެސް ކަންބޮޑުވުމެއް ހާސްކަމެއް ނެތި އުޅުނު އެމީހުން އުޅުނު ގޮތުން އެއީ އޭގެ ކުޑައިރުކޮޅެއް ކުރިން ވައްކަމެއް ކޮށްގެން ތިބި ދެ މީހުން ހެން ހީވެސް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ އެ ދެ މީހުންނަކީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުން އާޓިފިޝަލް ބީޗް ކުރިމަތިން ކަހަލަ ގޮތަކަށް ހިންގަމުންދާ ތޫމް ރެސްޓޯރެންޓުން ވައްކަން ކޮށްގެން ތިބި ދެ މީހުން ކަމަށެވެ.

ދުވާލުގެ ވަގުތުގައި މަގުމަތީގައި މީހުން ވެސް އުޅެމުން ދިޔައިރު އެމީހުން ވަގަށް ނަގާފައި ވަނީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އެމީހުން އެކަން ކޮށްފައި ވަނީ އޮކްޓޫބަރު 3 ވީ އަންގާރަ ދުވަހު އެވެ. ބެލެވޭ ގޮތުގައި ފުލުހުން އާއްމުކުރި ވީޑިއޯއަކީ އެ ދުވަހު އެ ސަރަހައްދުގައި އެމީހުން އުޅުނު މަންޒަރު ސީސީޓީވީ ރިކޯޑިން އެވެ. 

ފުލުހުންގެ ތަހުގީގަށް އެމީހުން ހޯދަމުން ދާތީ އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދެ އެވެ. އަދި ފުލުހުން ވަނީ އާއްމު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. 

ވައްކަމާއި ފޭރުމުގެ ބޮޑެތި މައްސަލަތައް މިހާރަކަށް އައިސް ރާއްޖޭގައި އިތުރެވެ. އެގޮތުން ދާދި ފަހުން ވަނީ ރޫޓް ފިހާރައިގެ ހަތަރު މިލިއަން ރުފިޔާ ބޭންކް އޮފް ސިލޯން ކުރިމަތިން ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. އެ މައްސަލައިގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ވީޑިއޯއިން ފެނުނު ދެ ސައިކަލުގައި އައި ހަތަރު މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. 

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2944 މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ފޭރުމުގެ 297 މައްސަލަ ހުށަހަޅާފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް