ads
އެޓާނީޖެނެރަލް އިބްރާހިމް ރިއްފަތު
ރާއްޖޭގައި މަރުގެ އަދަބު ނުދިނުމަށް 29 ގައުމަކުން ގޮވާލައިފި
ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށް 29 ގައުމަކުން ގޮވާލާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެގޮތަށް ދިވެހިރާއްޖެއަށް ގޮވާލާފައިވަނީ އިއްޔެ ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދިވެހިރާއްޖޭގެ ސެޝަންގައިކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އެ ހުށަހެޅުންތަކާމެދު ދިވެހިރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެންބަރު 2020 ގެ ކުރިންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ޔޫ.ޕީ.އާރު، އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ގައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ގައުމަކުން ތަންފީޒުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަގްވާމީ މުޖުތަމައަށް ތަފްސީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެކެވެ. 

އެގޮތުން، ޔޫ.ޕީ.އާރު. ގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޒުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށް 29 ގައުމަކުން އިއްޔެ ގޮވާލާފައިވާއިރު ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ގައުމަކުން ހުށަހެޅުންތައް ލިބިފައިވެއެވެ.

"އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ގައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަކުރަން،" -އޭޖީ އޮފީސް

އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވޭކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ. 

ގިނަ ގައުމުތަކަކުން ގޮވާލި ނަމަވެސް އޭޖީ އޮފީހުން ބުނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން، މަރުގެ އަދަބު ދިނުން ހުއްޓާލުމަކީ މުސްތަހީއްލު ކަމެއްކަމަށް ބަޔާންކޮށްދީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ސްޓޭޓްމަންޓެއް އިއްޔެ މުޅި ދުނިޔެއަށް ދެއްވާފައިވާ ކަމަށެވެ.  

"އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ. ވުމާއެކު، އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަހީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފުކޮށްދެއްވުމަށް ދެއްކެވި،"

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހިސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ގާނޫންއަސާސީ އާއި ގާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތައް ކަމަށެވެ.

"އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށްވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށް" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 


މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަގްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެކެވެ. 

އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ ސިޔާސަތު ހާމަކޮށްފައިވެއެވެ.

ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް މި ސަރުކާރުން އިޢުލާންކޮށްފައިވާ ފަދައިން، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް