ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަނެއްކާވެސް ބަގާވާތެއް ނުކުރާނެކަމަށް ދަންނަވާކަށް ނުކެރޭނެ: ރައީސް ނަޝީދު
ކޯނީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ބަގާވާތެއް ނުކުރާނެކަމަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނިކޮށް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. 

ނަޝީދު ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައި ވާނެކަމަށާއި، އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ބަގާވާތެއް ނުކުރާނެކަމަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށެވެ. 

2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ހިނގާދިޔަ ކަންތައްގަނޑުގައި ބައެއް ސިފައިންނާއި ފުލުހުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ނިކުމެފަ އެވެ. އަދި އެދުވަހު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިނަމަވެސް ފަހުން ވަނީ، އެއީ ބަގާވާތެއް ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައި ވަނީ އެކަމުގެ ތަހުގީގު ކޮށްފަ އެވެ. އެގޮތުން ބޭރުގެ މާހިރަކާއި އެކު ކުރިއަށް ގެންދިޔަ ތަހުގީގުގައި ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫން ކަމަަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ކޯނީ ރިޕޯޓްގައި ވަނީ ހިމަނާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް