ads
ކ. ތަނބުރުދޫ--
ތަނބުރުދޫ ހިމެނޭގޮތަށް އެރަށު ތިލަ ސަރަހައްދު ހިމާޔަތްކުރަން ނިންމައިފި
ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަންމަންޓު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި މައިގަނޑު މަގްސަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމަށް ވާތީކަމަށް ރައީސް އޮފީހުން ބުނެެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ސަރަހައްދުގެ ހާއްސަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ބަލާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަހައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަހައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް ހިމެނޭ ގޮތަށް ޖުމްލަ 24 ސަރަހައްދު މިހާތަނަށް ވަނީ ހިމާޔަތްކޮށްފަ އެވެ.

އޭގެ އިތުރުން ތިމާވެށީގެ ގާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް