ads
ދަތުރުފަތުރުގެ ހިދުމަތް ތަރައްގީ ކުރުމަށް ވަމުންދާ ތައްޔާރީތައް---
މާލޭގެ ދަތުރުފަތުރު ތަރައްގީ ކުރުމަށް ވަމުންދާ ތައްޔާރީތައް ނައިބު ރައީސް ބައްލަވައިފި
މާލޭ ސަރަޙައްދުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ތަރައްގީ ކުރުމަށް ވަމުންދާ ތައްޔާރީތައް ނައިބު ރައީސް ފައިސަލް ނަސީމް، ބައްލަވާލައްވައިފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހަވީރު ވަނީ، މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަހައްދުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްގީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަހައްދު ސާފުކުރުމަށްފަހު އެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް ހަދަމުންދާ ޕާކިން ޒޯނުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ. އެ ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ އެސްޓީއޯ އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ކާރުބާރު ބޮޑު ޓްރެފިކަށް ލުޔެއް ލިބޭނޭހެން ކަންތައްތައް އިންތިޒާމް ކުރަމުން ގެންދިއުމަށް ނައިބް ރައީސް އިރުޝާދުދެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރު އޮފް ހެލްތު އަހްމަދު ނަސީމާއި، މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަހްމަދު އާދިލާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ  މީގެ ކުރިންވެސް ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން މާލޭގައި ޕާކުކުރުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމާއި، އެ ކަމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، އަދި ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް އިދާރާތަކުގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވާފައި ވެއެވެ.

އެ މަޝްވަރާތަކަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒު އަލީ ވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާކުރެވިގެން މާލޭގެ ދެ ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައެވެ.

އެގޮތުން އެފަދަ ފުރަތަމަ ތަނެއްގެ ގޮތުން ހީނާމާގޭގައި ހަތަރު ބުރީގެ ޕާކިން ބިލްޑިން އެއް މިއަހަރު ތެރޭގައި އެޅީގެންދާނެކަމަށް ޝިމާޒް އޭރު ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މާލޭގެ ހަަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތަތަކެއް އެޅިގެންދާނެކަމަށް ވެސް އޭނަ ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް