ads
އިންޑިއާގެ ފޮރިން ސެކެރެޓަރީ:--
އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރަނީ
އިންޑިއާގެ ފޮރިން ސެކެޓްރީ ހަރީޝް ޝްރިންގްލާ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިއްޖެ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުގެ ތެރެއިން ސޮއިކުރަން ހަމަޖެހިފައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއްބަސްވުމަކީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއުގެ ފައިނޭންސްގެ ތެރޭގައި ހިމެނޭ އެހީއެއް ކަމަށެވެ. 

ހިލޭ އެހީގެ އެއްބަސްވުމުގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާ ގުޅޭ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އޭގެ އިތުރުން ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކުއިޕްމެންޓް ރަސްމީކޮށް ހަވާލުކުރުމާއި އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބަލައިލުން ވެސް ފޮރިން ސެކެޓްރީގެ ދަތުރުގެ ތެރޭގައި ހިމެނެ އެވެ. 

ހައި ކޮމިޝަނުން ބުނީ މި ދަތުރުގެ ތެރެއިން ދިވެހި ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ފޮރިން ސެކްރެޓަރީއަށް ލިބިވަޑައިންނަވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ދެގައުމު ގުޅިގެން ކުރެވޭ ހުރިހާ ބައިލެޓަރަލް މަސައްކަތްތަކާ ގުޅޭ މަޝްވަރާ ކުރެއްވުމުގެ އިތުރުން ރާއްޖޭގެ މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. 

އަދި މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށް ހައި ކޮމިޝަނުގެ ބަޔާނުގައި ވެއެވެ. 

"ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ އިންޑިއާއިން ދިވެހިރާއްޖެއާއި އެކު އޮންނަ ގާތް ގުޅުމަށް ދޭ އަހައްމިއްޔަތުގެ މުހިންމުކަން ސާބިތުކޮށްދޭ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީ އާއި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ ވަރުގަދަވެ، ދެ ގައުމުގެ މެދުގައިވާ އެއްބާރުލުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ." ބަޔާނުގައި ވެއެވެ. 

އިންޑިއާގެ ފޮރިން ސެކެރެޓަރީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ. މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިތުރުން މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި، މިނިސްޓާ އޮފް ޑިފެންސް އަދި މިނިސްޓާ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެ އެވެ. 

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ، އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް