ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ރީޓެއިލާސް ލޯނަށް ހެޔޮ ބަދަލެއް
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ "ރީޓެއިލާސް" ލޯނުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ރީޓެއިލާސް ލޯނުގެ ޝަރުތުތަކަށް ގެނައި ބަދަލުތަކާއި އެކު، ކުރިން ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެދުވެރިކޮށް ހޯދަންޖެހޭ އާމްދަނީ ވަނީ 50،000 އިން 30،000 އަށް ދަށްކުރެވިފައެވެ.

މި ލޯނަށް ކަނޑައެޅިފައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު ޕީއޯއެސް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްކުރުން ހިމެނިފައި އޮތަސް، ކޮވިޑް-19 ގެ ސަބަބުން މި އަހަރު ގިނަ ވިޔަފާރިތަކަށް އާމްދަނީ ލިބުން ދަތިވެފައި ވާތީ ވިޔަފާރިތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އެޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރި ވިޔަފާރިތަކުގެ އާމްދަނީ ނުހިމަނާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ރީޓެއިލާސް ލޯން އަކީ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯން އެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. ލޯން އަދި އޯވަޑްރާފްޓްގެ ގޮތުގައިވެސް ދޫކުރެވޭ މި ލޯނުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިން ގުނަ އާއި ހަމައަށް ފައިސާ ދޫކުރާނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮވިޑް-19 ގެ މި މުއްދަތުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިފަދަ ދަތި ހާލަތްތަކުގައިވެސް ބޭންކުގެ އަމާޒަކީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން އާއި ބެހޭ ޑައިރެކްޓަރު މޫސާ ނިމާލް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން ވަނީ މީގެ ކުރިންވެސް އެކި ކަންތައްތަކުގައި ލޯން ނަގާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބޭންކްގެ އެކި ލޯން ސްކީމްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް