ads
ހައިކޯޓް--
ފުށިދިއްގަރުފަޅު މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްގީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅިގެން ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދިއްޖެއެވެ.

މިމައްސަލައަކީ، 2013 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު، ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެ، ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީކޮށްދީފައިނުވާތީ، އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗަރ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ، ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން، އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި މިނިސްޓްރީ އޮފް ޓޫރިޒަމަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދައުވާކުރުމުން ބެލުނު މައްސަލައެކެވެ. 

ސިވިލްކޯޓުން މިމައްސަލަ ބެލުމަށްފަހު 15 ޖުލައި 2014 ގައި ކުރައްވާފައިވާ ހުކުމުގައި ވަނީ އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި އަދި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ބަޔާންވެގެންވާފަދައިން މައްސަލާގައި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަރ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށެވެ. 

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިބުނެފައިވަނީ މިމައްސަލާގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމަކީ، ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ހުކުމެއްކަމަށް ފެންނާތީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވަނީ، ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއްކަމުގައި ބަލައިގެންކަން އެނގެން އޮންނައިރު، ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ތަހުގީގީ ރިޕޯޓުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަށް އެނގޭ ކަމަށެވެ. 

އަދި މި މައްސަލައާ ގުޅިގެން އޭޖީ އޮފީހަށް ލިބިފައިވާ އައު ހެއްކާއި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ހުކުމެއްކަމަށް ފެންނަ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް