ads
ގުޅީފަޅު ހިއްކުން-- ފޮޓޯ: އީޕީއޭ
އިގްތިސާދު ކުރިއަރުވަން ހަތް ބިލިއަން ރުފިޔާ
ކުރިއަށް އޮތް 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ހަތް ބިލިއަން ރުފިޔާ ބަޖެޓް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިއީ އިޤްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެއް ކަމަށެވެ. 

އެގޮތުން އިގްތިސާދު ކުރިއެރުވުމަށް ބަޖެޓްގައި ހިމަނާފައިވާ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވުން ހިމެނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ވެސް ބަޖެޓްކޮށްފައިވެ އެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ވެސް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ރޭވިފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. 

"މިއާއެކު އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އެ ސަރަހައްދުތަކުގައި ތަނަވަސް ވެގެންދާނެ."

މިނިސްޓަރު އަމީރު ވިދާޅުވީ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް އަލުން ރިކަވާ ވާއިރަށް މި މަޝްރޫއުތައް ނިމި، މި ވަސީލަތްތަކުގެ އިގުތިސާދީ ފައިދާ ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ. 

މާލޭ ވިޔަފާރީ ބަނދަރަށް ބޮޑު ބަދަލެއް ނާންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، ޒަމާނީ އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ސްޓްރެޓެޖިކް މަޝްރޫއު ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  އަދި 2021 ވަނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި މި ކަމަށް 476 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާކަމަށް ވިދާޅުވި އެވެ. 

މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށްދާނެކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއަށްވެސް 469 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް