ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް ލައިވްކޮށްދޭން އެދިއްޖެ
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް މިމަހުގެ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެ ޝަރީއަތްތަކަކީ ދެފުށް ފެންނަ ގޮތަކަށް ކުރިއަށްދާ ޝަރީއަތްތަކަކަށް ހެދުމުގެ ގޮތުން، އެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދި އެކަން ކޯޓުން ހަމަޖައްސައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. 

ހިޔާނާތާއި ގުޅިގެން ދައުވާ އުފުލާފައިވާ ބައެއް ފަރާތްތައް:

އެމްއެމްޕީއާރްސީގެ ހިޔާނާތައި ގުޅިގެން މިހާރު ދައުވާ އުފުލިފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އަހުމަދު ކްރިކް ރިޟާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، އާޒިމާ ޝުކޫރު އަދި އާތިފް ޝަކޫރު ފާހަގަކުރެވެ އެވެ. 

މީގެ ތެރެއިން ރައީސް ޔާމިނާއި، ކްރިކް ރިޟާ އަދި ސަން ކުންފުނިތަކުގެ މައްޗަށް ދައުވާކޮށްފައިވަނީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.  

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރާއި ދެކޮޅަށް މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ އުފުލާފައިވަނީ، އެސްއޯއެފްގެ މުއާމަލާތްތައް ފުލުހުންނަށް ނޭންގި މައްސަލައިގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް