ads
އެމެރިކާ ޑޮލަރު--
އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް: އަމީރު
އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް މި ވަގުތު ރާއްޖެއަކަށް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އެކްސްޗޭންޖް ރޭޓް ޑީވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މުދާ އިމްޕޯޓު ކުރުން ދަށްވެފައިވާ ކަމަށާއި ދަތުރުފަތުރާއި ފަތުރުވެރިކަމަށް އައި ލޮޅުމުގެ ސަބަބުން ބޭރު ފައިސާ ވަންނަ މިންވަރު ދަށްވެފައިވާ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ. 

"ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައި. މިއީ ކުރީ އަހަރަށް ވުރެ ދަށް އަދަދެއް. އިގްތިސާދީ ހަރަކާތްތައް އިތުރުވަމުން އައުމާއެކު، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި މިއީ އަހަރު ފެށިއިރު ހުރި މިންވަރަށް ވުރެ މަތީ އަދަދެއް ކަމަށާއި 2021 ވަނަ އަހަރު ފަށާއިރު ރިޒާވް ހުންނާނީ 696 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައި ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް. މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު މި އަންނަނީ ހޯދައިދެމުން. އަދި އިގްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ބޭރު ފައިސާއަށް ތަދު މި ދަނޑިވަޅުގައި ރިޒާވް މިހާރު ހުރި މިންވަރުގައި ހިފަހައްޓާ، އިގްތިސާދު މެނޭޖު ކުރަމުން ދަނީ ފިސްކަލް ޕޮލިސީގެ ހަރަކާތްތަކުގެ ސަބަބުންނެވެ.

"މިގޮތުން، މިއިން ޒަމާނަކު ނުވެއްޓޭ ފަދަ އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި ވެސް، ހަރަދަށް ގެނައި ބަދަލުތަކާއި، ރައްޔިތުންނަށް ސީދާ ގޮތުން އެހީތެރިވުމާއި، މިހާތަނަށް ވެސް ކޮންސެޝަނަލް ގޮތް ގޮތުން ބަޖެޓު ފައިނޭންސްކޮށްފައިވުމަކީ، މި ޝޮކުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައި ލޮޅުން ކުޑަކޮށްދިނުމަށް އެހީތެރިވި ކަންތައްތައް،" އަމީރު ފާހަގަކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް