ads
ޓެކްނޮލޮޖީ މިނިސްޓަރު މަލީހް--
އިންޓަނެޓް މައްސަލައިގެ ހައްލަކީ ވާދަވެރިކަން އިތުރުކުރުން: މިނިސްޓަރު މަލީހް
އިންޓަނެޓުގެ އަގުގެ މައްސަލައަށް ދިގު ރާސްތާގެ ހައްލަކަށް ވެގެން ދާނީ ވާދަވެރިކަން އިތުރު ކުރުން ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާއިރު، ޓެލެކޮމިއުނިކޭޝަންގެ ހިދުމަތަށް އިތުރު ކުންފުންޏަކަށް ހުއްދަ ދޭން ހިމަނާފައި ވެއެވެ.

އެކަމާ ގުޅިގެން މަލީހް މިއަދު ސީއެންއެމަށް ވިދާޅުވީ މި ސަރުކާރުގެ މަސައްކަތް ފެށުމާއެކު އިތުރު ޓެލެކޮމް ކުންފުންޏެއް ގެނައުމުގެ ދޮރު ހުޅުވާލި ކަމަށެވެ.

"ސަރުކާރުގެ އަބަދުވެސް ވިސްނުމެކޭ މި ސިނާއަތުގެ މި ދާއިރާގެ ކޮމްޕެޓިޝަން މިހާރަށް ވުރެ ވާދަވެރިކަން އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުން،" މަލީހް ވިދާޅުވި އެވެ. 

މަލީހް ވިދާޅުވީ ދިރާގު އެކަނި އޮޕަރޭޓް ކުރަމުން ދަނިކޮށް ވަތަނިއްޔާއަށް ލައިސެންސް ދޫކުރުމުން މި ދާއިރާއަށް ގިނަ ހެޔޮ ބަދަލުތަކެއް އައި ކަމަށެވެ. 

"ދެން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަނެއްކާވެސް އިތުރު ހަމަ ރަނގަޅު ޕާޓީއެއް އައުން ވެގެން ދާނީ މި ދާއިރާއަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމެއްގެ ގޮތުގައި. އެހެންވީމަ އިކޮނޮމިކް ކައުންސިލްއިގަ މިކަން މިވަނީ މަޝްވަރާ ކުރެވިފައި. ބަޖެޓު މަރުހަލާގައި ހިމެނީ މިނިސްޓަރު މަޝްވަރާ ކުރުމަށް ފަހު. ޓެލެކޮމް ގާނޫނުގައި ބުނާ ގޮތުން އިތުރު ލައިސެންސް ދިނުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ،" މަލީހް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގާއި ސްޕީޑުގެ މައްސަލައަކީ ރައްޔިތުން މެދުކެނޑުމެއް ނެތި ކުރަމުންދާ ޝަކުވާއަކަށް ވާއިރު، މަލީހް ވިދާޅުވީ އެކަމަށް ދިގު ރާސްތާގެ ގިނަ ކަންކަން ކުރެވެމުންދާ ކަމަށެވެ. 

ވާދަވެރިކަން އިތުރު ކުރުމަކީ އޭގެ އެއް ކަންތައް ކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކޮންސޯޓިއަމް ކޭބަލެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އޭގެ ސަބަބުން ވެސް ޑޭޓާ ގަންނަ އަގު ވަރަށް ބޮޑު ތަނުން ހެޔޮވެގެން ދާނެ،" މަލީހް ވިދާޅުވި އެވެ. 

އިންޓަނެޓުގެ އަގުގެ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެކަމަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް