ads
ކޭޝްލެސް ޕޭމަންޓްގެ ހިދުމަތްތައް މިއަދު ތައާރަފްކޮށްފި--- ފޮޓޯ: ބީއެމްއެލް
ޓެކްސީތަކަށް ހާއްސަކޮށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބީއެމްއެލުން ތައާރަފްކޮށްފި
ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ކޭޝްލެސް ޕޭމަންޓް" ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެގޮތުން މި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާގެ އިތުރުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވަނީ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތްދޭ ޓެކްސީ ޑްރައިވަރުންނަށް މާސްކް އާއި ހޭންޑް ސެނިޓައިޒަރު ހިމެނޭ ޕެކް ބައްސަވާފައެވެ.

ނަގުދު ފައިސާގެ ބަދަލުގައި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ދުވަސްވަރެއްގައި، ކޭޝްލެސް ޕޭމަންޓް ހިދުމަތް ތައާރަފްކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއި އެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ވިދާޅުވެފައެވެ.

ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވަނީ ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭނުންކުރާ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިން ކަމަށްވާ އިރު، ކަސްޓަމަރުންނަށް ބީއެމްއެލް މޯބައިލްޕޭ އެޕް މެދުވެރިކޮށް ޓެކްސީ ކާރުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު ނުވަތަ ޑްރައިވަރުގެ ފޯނުގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްލައިގެން ފަސޭހަކަމާއި އެކު ފައިސާ ދައްކާލެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގޫގަލް ޕްލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯ އިން ޑައުންލޯޑްކޮށްލެވޭ ބީއެމްއެލް މޯބައިލްޕޭ އެޕް އިން ކަސްޓަމަރުން ބޭނުންކުރަމުންދާ ކާޑްތަކާއި ޑިޖިޓަލް ވޮލެޓް ގުޅުވާލަދިނުމުގެ ސަބަބުން ކާޑުގެ މައުލޫމާތު ހިއްސާކުރަން ނުޖެހި، ފައިސާ ދެއްކުމަށް މަގުފަހިވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ ކުރިން ބީއެމްއެލް އިން ވަނީ ފިހާރަތަކަށާއި ބައެއް ވިޔަފާރިތަކަށް ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް