މިރޭ އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނާއެކު ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވަނީ އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައެވެ. 1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ގާއިމްކުރަން ޖެހޭ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ.
އެ ކުންފުނިން އެ މަސައްކަތް ފެށީ ޖުލައި 26 ވަނަ ދުވަހުއެވެ. އަދި މިހާރު އެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ޓްރެކްގައި ސިންތެޓިކް އެޅުމަށް ހަވާލުކުރެވިފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. ޔޫތް މިނިސްޓްރީން ބުނީ އެމަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް ރޭވުނު ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މިހާރު އެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ނިންމާލުމަށް ކަަމަށެވެ.