ads
ވެލިދޫ މެމްބަރު ޝަފީގް--
ދިވެއްސަކަށް ވީތީ ރިސޯޓުތަކުން ތަފާތު ކުރޭ: މެމްބަރު ޝަފީގް
ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން މަރުވި މައްސަލާގައި އިހުމާލުވީ އޭނާއަކީ ދިވެއްސަކަށް ވީތީ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ފަތުރުވެރިކަމުގެ ސިނާއަތަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނާއި ބިދޭސީންނާ ދެމެދު ތަފާތުކުރުންތައް ގެންގުޅޭކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. އެގޮތުން ދިވެހި ރިސޯޓު މުވައްޒަފުންނާ މެދު އަމަލު ކުރާ ގޮތާއި ޓޫރިސްޓް ފެސިލިޓީތަކަށް ޗުއްޓީއަށްދާ ދިވެހިންނާ މެދު ތަފާތު ކުރާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑުފެތުރެ އެވެ. 

ކަނޑިންމަ ރިސޯޓުގެ އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވި މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝަފީގް މިއަދު ވަނީ އެކަމަށް އަލިއަޅުވާލައްވާ ތަފާތު ކުރުންތައް ގެންގުޅޭތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑަށް ޔަގީނޭ މިއީ [ދޮން ނަސްލުގެ] ބިދޭސީ މީހަކަށް ދިމާވި ކަމެއް ނަމަ ޑޮކްޓަރަށް ދައްކައި، މި ހުރިހާ ކަމެއް ކުރާނެ. އެކަށީގެންވާ ބޭސްްފަރުވާ ވެސް ކޮށްދޭނެ. އެހެން ނަމަވެސް އޭނާ [އާދަމް ނަސީރު] އެއީ ދިވެއްސަކަށް ވީތީއޭ އަޅުގަނޑު ދަންނަވާނީ އެކަން އެގޮތަށް ނުކޮށް އެ އޮތީ،" ޝަފީގް ވިދާޅުވި އެވެ. 

އަދި ކަންޑިންމަ މުވައްޒަފަށް ދިމާވި ގޮތް އެއީ ކުޑަ ކަމެއް ނޫން ކަމަށާއި ރިސޯޓުތަކުގައި ދޮންމީހުންނާއި ކަޅު މީހުންނާ ދެމެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވި އެވެ. ޒަމާނުއްސުރެ ކުރާ އެ ޝަކުވާ އެއްވެސް އިދާރާއަކުން ނުބަލާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

އާދަމް ނަސީރުގެ މަރަށް ފަހު ކަނޑިންމަ ރިސޯޓުގެ 60 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ރިސޯޓު މޮނިޓަރިންއަށް ލާފައިވާއިރު، ފުލުހުންނާއި އެޗްއާރްސީއެމުން ބަލަމުންދާ އިހުމާލުގެ މައްސަލައާ ގުޅިގެން އޮޕަރޭޓް ކުރުމުގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް