ads
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ
ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި
ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްދުއާއެކު މަޝްވަރާކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން ސެކްރެޓަރީއިން މަޝްވަރާކުރެއްވި އެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓާ އޮފް ޑިފެންސް، މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓާ އޮފް ޓޫރިޒަމް އާއި ބައްދަލުކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ފޮރިިން ސެކްރެޓަރީ ވަނީ ސަރަހައްދީ ވިޔަފާރި އިތުރު ކުރުމާއި، ފަތުރުވެރިކަން ފުޅާކުރުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާފައެވެ. 

އަދި މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. 

ދެގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާ އާ ދެމެދު މި ދަތުރުފުޅުގައި 4 އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް