އެގޮތުން އިމިގްރޭޝަނުން 2015 ވަނަ އަހަރު ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ގަވާއިދު އެކުލަވާލައި، ގެޒެޓްކޮށްފައިވާ އިރު، އެ ގަވާއިދުގައިވާ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ޑިއުޓީ ފްރީ އާއި ޓެކްސް ފްރީ، އަދި ފާސްޓް ޓްރެކް ސާވިސް ފަދަ އިނާޔަތްތައް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހު ގެޒެޓްކުރެވުމާއި އެކު، ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޫކުރަން ފަށާނީ ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ އިންވެސްޓްމެންޓްތަކާއި، ރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު އިންވެސްޓުކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ފަސް އަހަރުން އާ ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއި އެކު ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުން ކޯޕަރޭޓް ރެޒިޑެންޓް ވިސާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށާއި، ނަމަވެސް ރާއްޖޭގައި އަލަށް ވިޔަފާރިކުރުމަށް އެދޭ ފަރާތްތަކުން އެ ވިޔަފާރިއެއް ރަޖިސްޓަރީކުރުން ލާޒިމްވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އަދި ރާއްޖޭގެ އިންވެސްޓްމެންޓްތަކަށް ފުށުއަރާ ފަދަ ގޮތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ތައާރަފްކޮށްފައިވާ ކަމަށް ބުނެ މައުލޫމާތު ނުފެތުރުމަށާއި، ސައްހަ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.