ads
ރައީސް ސޯލިހު އަދި ގާސިމް އިބްރާހިމް-- ފޮޓޯ: ޕީއެސްއެމް
ރައީސް ސޯލިހުގެ ތައުރީފް ގާސިމަށް
އާ ހެލްތު މިނިސްޓަރަކު އައްޔަނު ކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގާސިމަށް ތައުރީފް ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ކޯލިޝަނު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ޖޭޕީއަށް ކަނޑައަޅާފައި ކެބިނެޓުގެ އެއް ސްލޮޓަކީ ހެލްތު މިނިސްޓަރުގެ މަގާމެވެ. ނަމަވެސް ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެއާއެކު ދެން އެ މަގާމަށް އައްޔަނު ކުރެއްވީ ޖޭޕީގެ ބޭފުޅެއް ނޫނެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ވެރިކަން ކުރާ މައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހްމަދު ނަސީމް (ކެރަފާ) އެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ޖޭޕީގެ ލީޑަރު ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށް، ތައުރީފު ކުރައްވާފަ އެވެ. 

"ފެނިގެން ދިޔެއީ އޮނަރަބަލް ގާސިމް އިބްރާހިމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް ގައުމީ މަސްލަތަހު އިސްކުރައްވާ ގައުމުގެ ކަންކަން ހައްލު ކުރުމަށް އިސްކަމެއް ދެއްވި ތަން، އެކަމަށްޓަކައި މިއަދު ވެސް ގާސިމަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހެލްތު މިނިސްޓަރުގެ މަގާމަށް ގާސިމް ބޭނުންވީ ޖޭޕީގެ ބޭފުޅެއް ކަމަށާއި ޖޭޕީއަށް ފެންނަ ނަންތަކެއްގެ ލިސްޓު ވެސް އެމަނިކުފާނަށް ފޮނުއްވި ކަމަށެވެ.

"އަޅުގަނޑު ވާހަކަދައްކާފައި ދެންނެވިން މި ފަހަރު މި ފުރުސަތު އަޅުގަނޑަށް ދޫކޮށް ދެއްވާށޭ. ވަރަށް ކައިރިން ބަލައިގެން ބަދަލު ގެންނަން ޖެހޭ ދާއިރާއަކަށް ވީމަ. ގާސިމް ވިދާޅުވި މައްސަލައެއް ނެތޭ،" ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި ޝުކުރު އަދާކުރެއްވުމަށް ފަހު، ރައީސް ވިދާޅުވީ ކެބިނެޓުގެ ކޮންމެ މަގާމަށް ވެސް ބަދަލު ގެންނަމުން ދަނީ ކޯލިޝަން ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. 

"މިނިސްޓަރު ބަދަލުވި ކޮންމެ ފަހަރަކި ޑިސިޝަން ނެގީ އެ ޕާޓީއެއްގެ އިސް ލީޑަރުންނާ ވާހަކަދައްކާފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ޖެންޑާ މިނިސްޓަރަށް އާ ބޭފުޅަކު އައްޔަނު ކުރެއްވީ އަދާލަތު ޕާޓީ (އޭޕީ) ގެ ރުހުމާއެކު ކަމަށާއި ހައުސިން މިނިސްޓްރީއަށް ބަދަލު ގެނައީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މަޝްވަރާ އާއެކު ކަމަށް ވިދާޅުވި އެވެ. 

ކޯލިޝަނުގެ ގުޅުން އަދިވެސް ކުރިއަށްދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިން އެއްބަސްވެފައި އޮތް ކަމެއް ބަދަލު ކުރަން ޖެހިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާ އަށް ފަހު އެކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް