ads
މެމްބަރު ޔައުގޫބް--
ޔައުގޫބް މައްސަލައިގެ ހުކުމްކުރުން މިމަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވުން މިމަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.  

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުން ނިންމާލަމުން މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުން ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ސުޕްރީމްކޯޓުން ތާވަލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:45 އަށެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

"އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމާއި އެކު އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަ ބޮޑުވުމުން ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް