ads
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޓޫރިސްޓުންނަށް އެހީވާން އެއާޕޯޓުގައި ޑެސްކެއް ގާއިމުކޮށްފި
ލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ފަތުރުވެރިންނަށް އެހީތެރިވުމަށް ޓޫރިޒަމް މިނިސްޓްރީން ހެލްޕް ޑެސްކެއް ގާއިމުކޮށްފި އެވެ.

މިނިސްޓްރީން ބުނީ އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކް މިއަދު ގާއިމްކޮށް އެތަނުގައި ހިދުމަތްދޭން ވަނީ  ފަށާފައި ކަމަށެވެ. 

އެ ހެލްޕް ޑެސްކް އިފްތިތާހުކޮށް ދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއާޕޯޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ މުހަންމަދު ޝިޔާމް އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެމްއޭސީއެލް އަދި އެއާޕޯޓުގައި ހަރަކާތްތެރިވާ އެކި ކަމާއި ބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގަތް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ޑެސްކް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، މިނިސްޓްރީން ހަދާފައިވާ ގައިޑްލައިންތަކުގެ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިޒޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު
ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އެެވެ. 

އޭގެ އިތުރުންވެސް އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މި ނޫންވެސް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ފަތުރުވެރިންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއާލައިންތަކާއި ޓޫރިސްޓް ޕޮލިހާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި އެ ނޫންވެސް ފަތުރުވެރިންނަށް އެއާޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ އިގްތިސޯދުގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ ފަތުރުވެރިކަމަށްކަމުން އެ ފަރާތްތަކަށް ރާއްޖެއިން ފުރަތަމަ މަރުޙަބާ ކިޔާތަނަކީ އެއާޕޯޓްކަމަށް ވާތީ، އެ ހެލްޕް ޑެސްކް ސަބަބުން އެ ފަރާތްތަކަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެ އެެވެ. 

އޭގެ އިތުރުން ފަތުރުވެރިން ރާއްޖެ އައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ
އެއްގޮތަށް ފަސޭހަކަމާއިއެކު އަމަލުކުރެވި، ފަތުރުވެރިންގެ ރައްކައުތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް