ads
ލޮނުޒިޔާރަތްޕާކް ހުޅުވުން.. ފޮޓޯ:ރައީސް އޮފީސް
ލޮނުޒިޔާރަތް ޕާކަކީ ޒަމާނީ ޑިމޮކްރަސީގެ އުފާ ދިވެހިން ފުރަތަމަ ފާޅުކުރެވުނު ބިން: ރައީސް
ޒަމާނީ ޑިމޮކްރަސީގެ ނިޒާމަށް ސަރުކާރު ހިންގުމުގެ ނިޒާމު ފުރޮޅިގެން ދިއުމުގެ އުފާ ފާޅުކުރުމަށް ދިވެހި ރައްޔިތުން އެންމެ ފުރަތަމަ އެއްވި ބިމަކީ ލޮނުޒިޔާރަތް ޕާކު ހުރިބިން ކަމަށާއި، މިހާރު ލޮނުޒިޔާރަތް ޕާކަށް ވަދެލުމުން ކުރެވެނީ އުންމީދީ ބޮޑެތި ބަދަލުތަކެއްގެ އިހުސާސް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލޮނުޒިޔާރަތްކޮޅުގައި ސަރުކާރުން ތަރައްގީކުރި ޕާކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީގެ ނިޒާމަށް ސަރުކާރު ހިންގުމުގެ ނިޒާމު ފުރޮޅިގެން ދިއުމުގެ އުފާ ފާޅުކުރުމަށް ދިވެހި ރައްޔިތުން އެއްވީ މިބިމަށް ކަމަށާއި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ އޭރުގެ ކެނޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމުގެ އުފާ އެންމެ ފުރަތަމަ ފާހަގަކުރެވުނީ ލޮނުޒިޔާރަޮތް ޕާކް މިހުރި ބިމުގައި ކަމަށެވެ. އެހެންކަމުން ލޮނުޒިޔާރަތް ޕާކް ހުރި ބިމަކީ، އުންމީދާއި، ބަދަލުވުމާއި، ހިތްހަމަޖެހުމާއި، ވަރަށް ގުޅިވަފައި އޮތް ބިމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލޮނުޒިޔާރަތް ކޮޅުގައި ޕާކެއް ތަރައްގީކުރުމުގެ ކުރިންވެސް މިތަނަކީ މާލޭގައި ފިރިއުޅޭ ގިނަ އަދަދެއްގެ މީހުން ގިނައި އެއްވެ ހިތްހަމަޖައްސާލަން ބޭނުންކުރި ތަނެއް ކަމަށެވެ. ނަމަވެސް މިހާރު މިފެންވަރުގެ ޕާކެއް މިތަނުގައި ތަރައްގީކުރެވުމުން، ހިތްހަމަޖައްސާލައި ހިތްއުފާކޮށްލަން މިތަނަށް އަންނަ މީހުން އިތުރުވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިތަނުގައި މިފެންވަރުގެ ޕާކެއް ހެދުމުން، މާލޭގައި ދިރިއުޅޭ މީހުންގެ ހިތް އުފާކޮށްލުމަށް ކަންކަން ކުރެވިދާނެކަން އެނގި ހާމަވެގެން ހިނގައްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގައި މިފަދަ ބިންތައް ހުސްކޮށް ފެހިކަންގަދަ ޕާކުތަކާއި މައިޒާންތައް ތަރައްގީކުރުމަކީ އެތަންތަނުގެ ސަބަބުން އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ ދަތި އުނދަގޫ ހާލަތާއި ގުޅުގެން ދިމާވާ ނަފްސާނީ މައްސަލަތައް ދިމާވިޔަ ނުދިނުމަށް މިފަދަ ޕާކްތަކުގެ ބޭނުން ހިފުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ. 

ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި ނުތަނަވަސްކަން ފިލުވުމަށް ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި، އެއީ ހަމައެކަނި ޕާކްތަކާއި ޖަގަހަތައް ހެދުން ނޫން ކަމަށެވެ. އެގޮތުން މާލެއަށް އުފަން ރައްޔިތުންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ އަވަސް ހައްލެއް ހޯދައިދޭން ޖެހިފައިވާ ކަންތައް ކަމަށާއި، އެގޮތުން އަންނަ އަހަރު މިކަމަށް ހައްލެއް ހޯދައިދިނުމުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޕާކް ތަރައްގީކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ލޮނުޒިޔާރަތް ޕާކް ފަރުމާކުރައްވައި ޕާކް ހަގީގަތަކަށް ހެއްދެވުމަށް އެންމެ މުހިންމު މަސައްކަތްތަކެއް އަދާކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާފެ އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްކަން ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ރައީސް ވަނީ މިނިސްޓަރު އަސްލަމް އަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެއިތުރުން މާލެސިޓީ ކައުންސިލުން ކުރި މަސައްކަތްތައް ފާހަގަކޮށް މޭޔަރު ޝިފާއާއި ސިޓީކައުންސިލަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ލޮނުޒިޔާރަތްޕާކް ހުޅުވާދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަލްފާޞިލް އުމަރު ޒާހިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް