ads
ޑޮލަރު--
ކަރުދާސް ނޫޓާއި އެމެރިކާ ޑޮލަރުގެ ހަގީގަތް!
މީލާދީން 1671 ވަނަ އަހަރު ސްކޮޓްލަންޑަށް އުފަންވި ޖޯން ލޯ ނަމަކަށް ކިޔާ އިކޮނޮމިސްޓަކީ، މިޒަމާނުގެ މަރުކަޒީ ބޭންކު އަދި ވިޔަފާރި ބޭންކުތައް ފެށުމުގެ މާކުރިން ފަރަންސޭސިވިލާތުގައި މި ވިޔަފާރި ފެށި މަޝްހޫރު މީހެކެވެ. އެޒަމާނުގައި ފައިސާގެ ގޮތުގައި ޔޫރަޕުގައި ގިނައިން ބޭނުންކުރަމުން ދިޔައީ ރަނާއި، ރިހި، އަދި އެކި އެކި މައުދަނުން ހަދާފައިވާ ފައިސާ ފޮއްޗެވެ.

ޖޯން ލޯ ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށް، އެކި ގައުމުތަކުގައި ފައިސާ ގެންގުޅޭ ގޮތް ބަލައި ހެދިއެވެ. އޭރު އެމްސްޓަޑަމްއަކީ މާލީ ގޮތުން ކުރިއަރަމުންދިޔަ ސިޓީއެކެވެ. މިގޮތުން ހޮލެންޑު މީހުންނަކީ އެންމެ ފުރަތަމަ މަރުކަޒީ ބޭންކެއް ގާއިމްކުރި ގައުމެވެ. މީލާދީން 1602 ވަނަ އަހަރު އެމީހުން ޔުނައިޓެޑް އީސްޓް އިންޑިއާ ކޮމްޕެނީ ގާއިމްކޮށް، އެކި ބާވަތުގެ ހަވާދު ވިޔަފާރީގައި ކުރި ހޯދިއެވެ. އެއީ އެންމެ ފުރަތަމަ ހިއްސާ ސެޓްފިކެޓް އިޝޫކުރި ކުންފުނިވެސް މެއެވެ.

ހޮލެންޑުގެ ވިޔަފާރިއާއި މާލީ ނިޒާމު ދަސްކުރުމަށްފަހު ޖޯން ލޯ ގަބޫލުކުރި ގޮތުގައި އިގްތިޞާދު ކުރިއެރުމަށްޓަކައި ބޭނުންވަނީ ނަގުދު ފައިސާއެވެ. އޭނާ ދެކޭގޮތުގައި އިގްތިސާދުގައި ގިނައިން ނަގުދު ފައިސާ ދައުރުކުރި ވަރަކަށް އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެއެވެ. އެކަމަކު އޭނާއަށް ނުވިސްނުނު ކަމަކީ، ނަގުދު ފައިސާއަކީ މުދަލާއި ޚިދުމަތުގެ މުއާމަލާތް ކުރެވޭއިރު އެކަކު އަތުން އަނެކަކުގެ އަތަށް ބަދަލުކުރެވޭ އެއްޗެއްކަމެވެ. މުދާ ނުއުފެއްދޭނަމަ، ހަމައެކަނި ފައިސާ ހުރެގެން ވާނެ ކަމެއް ނެތެވެ. ފައިސާއިން ގަންނާނެ މުދަލާއި ޚިދުމަތެއް ނެތްނަމަ، ފައިސާ ހުރެގެން ކުރާނީ ކީއްތޯއެވެ. މުއްސަދިކަން ލިބިގެންދަނީ އަތުގައި ފައިސާ ގިނަވެގެންނެއް ނޫނެވެ. މުއްސަދިކަން މިނާނީ އަތުގައި ކާނާއާއި، އަންނައުނާއި، ބިމާއި، ގެދޮރާއި، އެހެނިހެން މުދަލުންނެވެ. ނަގުދު ފައިސާ އިތުރު ކުރަންޖެހޭނީ މިދެންނެވި މުދަލާއި ޚިދުމަތްތައް އިތުރުވާ މިންވަރަކުންނެވެ. ފުރަތަމަ އުފެދެންޖެހޭނީ މުދަލާއި ތަފާތު ޚިދުމަތްތަކެވެ.

ކޮންމެއަކަސް، ޖޯން ލޯގެ އަމިއްލަ ޚިޔާލީ ވިސްނުމާއެކު އޭނާ ދަތުރުކުރީ ފަރަންސޭސިވިލާތަށެވެ. އޭރު ފަރަންސޭސި އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭރު ގައުމުގެ އިސް ވެރިއަކަށް ހުރި ޑޫކް އޮފް އޯލީންސްއަށް ޖޯން ލޯ ހުށަހެޅީ ފަރަންސޭސި ވިލާތުގެ ދަރަންޏާއި ތަދުމަޑުކަމަށް ހައްލެއް ގެނެސްދޭނެ ހުށަހެޅުމެއްގެ ގޮތުގައި ބޭންކެއް ގާއިމްކޮށް ނަގުދު ފައިސާ ނެރުމުގެ ޕްލޭނެކެވެ. ޑޫކް އަށް މިކަން ގަބޫލު ކުރެވި، 1716 ވަނަ އަހަރު ޖޯން ލޯ އިސްވެ ހުރެ "ބޭންކް ޖެނެރާލް" ގެ ނަމުގައި ބޭންކެއް ގާއިމްކުރެވުނެވެ. އަދި އެބޭންކުން ކަރުދާހުގައި ފައިސާ ޗާޕުކޮށްގެން ނެރެވުނެވެ. މި ފައިސާގެ ނޫޓު ދޫކުރެވެނީ ބޭންކަށް ރަނާއި ރިހީގެ ފައިސާ ފޮތި ގެނައިމާ އޭގެ ބަދަލުގައެވެ. މީގެ މާނައަކީ ކޮންމެ ކަރުދާސް ނޫޓެއް ރަމްޒުކޮށްދެނީ ވަކި މިންވަރެއްގެ ރަނެވެ. ކޮންމެ އިރަކު ނޫޓު ބޭންކަށް ގެނައި ކަމުގައި ވިޔަސް، އެޔަށް ވާ ރަން ލިބޭނެއެވެ. މިގޮތުން މީހުން ނޫޓު ފައިސާއަށް އިތުބާރުކުރަން ފެށިއެވެ. އަދި ދޭދޭ މީހުންގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ރަނުގެ ބަދަލުގައި ނޫޓު ބޭނުންކުރަން ފެށިއެވެ.

އެހެންނަމަވެސް ވަކި ހިސާބަކުން ޖޯން ލޯ ނޫޓު ނެރޭ މިންވަރު އިތުރުކުރަން ފެށިއެވެ. ބޭންކުގައި ހުރި ރަނުގެ މިންވަރަށް ނުބަލައި މާގިނައިން ނޫޓު ނެރެން ފެށިއެވެ. ވިޔަފާރި ވެރިންނާއި ގައުމުގެ އެންމެހާ ރައްޔިތުން ނޫޓަށް އިތުބާރު ކުރަމުން ދިޔައީ ކޮންމެ އިރަކުވެސް ނޫޓު ރަނަށް ބަދަލު ކުރެވޭނެތީއެވެ. މިގޮތަށް އިގްތިސާދުގައި ފައިސާގެ މިންވަރު ރަނަށްވުރެ އިތުރުކުރަމުން  ގޮސް ވަކި ހިސާބަކުން މީހުންނަށް ޝައްކު އުފެދެން ފަށައި، މުއްސަދި ޕްރިންސެއް އޭނާގެ އަތުގައި ހުރި ހުރިހާ ނޫޓު ފައިސާއެއް ހިފައިގެން ބޭންކަށް އައިސް އެޔަށް ވާ ރަން ދިނުމަށް އެދުނެވެ. މިހާ ހިސާބުން މުޅި ސްކޭމް ފަޅާއަރައި، ނޫޓު ފައިސާއަށް މީހުން ކުރި އިތުބާރު އެއްކޮށް ގެއްލިގެން ދިޔައީއެވެ. މުޅި އިގްތިސާދު މަގުރޫޓުވެ، އެތައް އަހަރެއް ވަންދެން އޭގެ އަސަރު ދެމިގެންދިޔައެވެ. ފަރަންސޭސި ވިލާތުގެ އިގްތިސާދު އަނެއްކާވެސް ރަނާއި ރިހީގެ ފައިސާ ފޮއްޗަށް ބަދަލުވިއެވެ.

މިދަންނަވާލެވުނު ވާހަކަ ކިތަންމެ އިބްރަތްތެރިވި ކަމުގައި ވިޔަސް، ހިތާމައަކީ އަދުގެ ދުނިޔޭގައި، ބޭންކިން ނިޒާމު ގާއިމްވެފައި މިވަނީ ޖޯން ލޯގެ ވިސްނުމާއި ސިސްޓަމާ އެއްގޮތަށްކަމެވެ. ޖޯން ލޯގެ ތަޖުރިބާއިން އެގޭ އެއްކަމަކީ، ބޭނުން މިންވަރަކަށް ހައްދެއް ނެތި ފައިސާ ޗާޕުކޮށްގެން ނުނެރެވޭނެކަމެވެ. ފައިސާ ނެރެންޖެހޭނީ އިގްތިސާދުގައި މުދަލާއި ޚިދުމަތް އަދި އިގްތިސާދީ ހަރަކާތްތައް އިތުރުވާ މިންވަރަކުންނެވެ. މީހުން އަތުގައި ދައުރުވާ ފައިސާ އިތުރުވުމަކުން އަދި މުދަލުގެ އަދަދު އިތުރުނުވެދާނެއެވެ.

ދެން އޮތީ ހަމަ މިފަދަ އެހެން ވާހަކައެކެވެ. ދެވަނަ ބޮޑު ހަގުރާމަ ނިމުމަށްފަހު އެމެރިކާ ދުނިޔޭގެ ސުޕަރ ޕަވަރ ގެ ގޮތުގައި އަރައިގެން އައެވެ. އަދި ޕައުންޑުގެ ބަދަލުގައި އެމެރިކާ ޑޮލަރު ރިޒާވް ފައިސާއެއްގެ ގޮތުގައި އެކި ގައުމުތަކުން ބޭނުންކުރަންފެށިއެވެ. އެމެރިކާގައި ނިސްބަތުން ގިނަ އަދަދެއްގެ ރަންވެސް ހުރުމާއިއެކު، ދުނިޔޭގެ މާލީ ބާޒާރުގައި އެމެރިކާގެ ނުފޫޒު ދިޔައީ އިތުރުވަމުންނެވެ.

މީލާދީން 1944 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް، ފްރޭންކްލިން ރޫޒެވެލްޓް ގެ އިސްނެގުމަކަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުންގެ ބައިވެރިވުމާއިއެކު، އެމެރިކާގެ ނިއު ހެމްޕްޝަޔަރ ގެ ރަށެއްކަމުގައިވާ 'ބްރެޓަން ވުޑްސް' ގައި ބޮޑު ކޮންފަރެންސެއް ބޭއްވުނެވެ. ތިން ހަފްތާއަށް ދެމިގެން ދިޔަ މި ކޮންފަރެންސްގައި 44 ގައުމެއްގެ 730 މަންދޫބުން ބައިވެރިވިއެވެ. އަދި ބައިނަލް އަގްވާމީ މާލީ ނިޒާމެއް ގާއިމްކުރުމާއިމެދު މަޝްވަރާކުރެވި އެއްބަސްވުންތަކެއް ވެވުނެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކު ގާއިމްކުރެވުނެވެ. މިއާއިއެކު ކޮންމެ އެމެރިކާ ޑޮލަރަކީ އެގައުމުގެ ފޯޓް ނޮކްސްގައި ރައްކާކުރެވިފައިވާ ރަނުގެ ރިޒާވްގެ ތެރެއިން ރަނަށް ބަދަލުކުރެވޭނޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅިއެވެ. އަދި މިއާއިއެކު ބައިނަލް އަގްވާމީ ވިޔަފާރިއާއި، ގައުމުތަކުގެ ރިޒާވްގައި އެމެރިކާ ޑޮލަރު ބޭނުންކުރެވެން ފެށުނެވެ. އެމެރިކާ ޑޮލަރު އޭރު އަގު ކުރެވިގެން ދިޔައީ ކޮންމެ 31.1 ގްރާމް ރަނަކީ 35 ޑޮލަރުގެ ގޮތުގައެވެ.

ރަނަށް ބަދަލުކުރެވޭ ހަމައެކަނި ފައިސާގެ ގޮތުގައި އެމެރިކާ ޑޮލަރު އޮތުމުން، އެހެނިހެން ގައުމުތަކުގެ ފައިސާގެ އަގު (އެކްސްޗޭންޖް ރޭޓް) ކަޑައެޅިގެން ދިޔައީ އެމެރިކާ ޑޮލަރާ އަޅާ ކިޔައިގެންނެވެ. އެހެން ގައުމުތަކުގެ ފައިސާ ރަނަށް ބަދަލުކުރަން ބޭނުންނަމަ ފުރަތަމަ ޖެހޭނީ ޑޮލަރު ގަންނާށެވެ. އޭގެ ފަހުގައި ޑޮލަރު ރަނަށް ބަދަލުކުރާށެވެ. މިއާއިއެކު، އެމެރިކާ ޑޮލަރު އަތުގައި ބެހެއްޓުމަކީ ރަން އަތުގައި ހުރުން ފަދަ ކަމަށް ގަބޫލްކުރެވިގެންދިޔައެވެ. މީގެ ސަބަބުން، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމަކުން ނެރޭ ފައިސާގެ ނޫޓެއް، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މީހުން ގަބޫލް ކުރަންފެށުނެވެ. އަދި ބައިނަލް އަގްވާމީ ވިޔަފާރީގައިވެސް ބޭނުންކުރެވެން ފެށުނެވެ. އެހެންނަމަވެސް، މި ސިސްޓަމްގެ އެންމެ މުހިއްމު އަސާސަކީ، އެމެރިކާއިން ކޮންމެ ޑޮލަރެއް ބާޒާރަށް ނެރޭއިރު، އެއަށް ޖެހޭ ރަން އަތުގައި ހުންނަންޖެހޭނެއެވެ.

އެހެންނަމަވެސް ކަންތައްތައް ދިޔައީ މުޅިން އެހެނެއްނޫނެވެ. އެމެރިކާއިން ވިއެޓްނާމްގައި ހަގުރާމަ ކުރަމުން ދިޔައިރު، ދައުލަތުގެ ޚަރަދުތައް އިތުރުވެ، ދަރަނި ބޮޑުވެ، އަތުގައި ހުރި ރަނުގެ ސްޓޮކް މަދުވާންފެށިއެވެ. ގައުމު ބަގުރޫޓޫވެދާނެކަމުގައި ބިރާއިއެކު މިހާ ހިސާބުން އެމެރިކާގެ ފެޑެރަލް ރިޒާވް (މަރުކަޒީ ބޭންކު) އިން ޑޮލަރު އިތުރަށް ޗާޕުކޮށްގެން ނެރެން ފެށީ އަތުގައި ހުރި ރަނުގެ މިންވަރަށް ބެލުމެއްނެތިއެވެ.

ޖޯން ލޯގެ ދުވަސްވަރުގައި ކަން ހިގައިގެން ދިޔަ ގޮތަށް، މިފަހަރުވެސް ބައެއް ގައުމުތަކުން މިކަމަށް ޝައްކު އުފެދެން ފެށިއެވެ. މިގޮތުން އޭރުގެ ފަރަންސޭސި ރައީސް، ޖެނެރަލް ޗާލްސް ޑި ގޯލް އަށް އެމެރިކާ ޑޮލަރާއިމެދު ޝައްކު އުފެދުނެވެ. އެއީ އެމެރިކާއިން ޑޮލަރުގެ މިންވަރު އިތުރުކުރަމުން ދިއުމުންނެވެ. މިހެންކަމުން 1967 ވަނަ އަހަރު ޑިގޯލް 300 މިލިއަން ޑޮލަރު ނަގުދު ބޯޓަކަށް ބަރުކޮށް އެމެރިކާއަށް ފޮނުވިއެވެ. އަދި އެއަށްވާ ރަން ހޯދުމަށް އެދުނެވެ.

މިހާދިސާގެ ސަބަބުން، އިގިރޭސި ވިލާތްފަދަ އެހެނިހެން ގައުމުތަކުންވެސް އަބުރާ ރަން ހޯދުމަށް އުޅެފާނެކަމުގެ ބިރަށް، 1971 ވަނަ އަހަރުގެ އޮގަސްޓް 15 ގައި އެމެރިކާގެ އޭރުގެ ރައީސް، ރިޗަޑް ނިކްސަން ނިންމީ، ޑޮލަރު ރަނަށް ބަދަލުނުކޮށްދިނުމަށެވެ. އެދުވަހުން ފެށިގެން އެމެރިކާ ޑޮލަރަކީ އެއްވެސް މައުދަނަކަށް ބަދަލުކުރެވޭ ފައިސާއެއް ނޫނެވެ. އަދި ޑޮލަރަކީ އެއްވެސް މިންގަޑަކަށް ބަލައިގެން ޗާޕުކުރެވޭ ފައިސާއެއްވެސް ނޫނެވެ. އޭރުން ފެށިގެން މިއަދާއި ހަމައަށް ދުނިޔޭގެ މާލީ އަދި ފައިސާގެ ނިޒާމަކީ އެއްވެސް ހަރުދަނާ ހަމައެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއްނޫނެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަގުތީ ފައިދާ ހޯދުމުގެ ގޮތުން މީހުން އެކި ފައިސާ ގަނެ ވިއްކާ 'ސްޕެކިއުލޭޓް' ކުރަމުން ދެއެވެ. ވަކި ގައުމެއްގެ ފައިސާގެ އަގު މައްޗަށް ހިގައިދާނެކަމަށް ބަލައި ބޮޑެތި އަދަދުން ގަނެ، ފަހުގެ ތާރީޚެއްގައި ވިއްކާލައިގެން ބޮޑެތި ފައިދާ ހޯދައެވެ. ބައެއްފަހަރު ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހި ބަގުރޫޓުވެގެންވެސްދެއެވެ.

ކޮންމެއަކަސް، ބައިނަލް އަގްވާމީ ދުނިޔޭގައި އެމެރިކާ ޑޮލަރު ބޭނުން ކުރުމާއި ރިޒާވްގެ ގޮތުގައި މިއަދާއި ހަމައަށް ގައުމުތަކުން ޑޮލަރު ބެހެއްޓުމަށް މަގު ފަހިވީ އަނެއްކަމަކީ 1974 ވަނަ އަހަރު އެމެރިކާގެ ޚާރިޖީ ވަޒީރު، ހެންރީ ކިސިންޖާ ސައުދީ އެރެބިޔާގެ ޝާހީ އާއިލާއާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުންކުރުމަށް ފެށުމުންނެވެ. ސައުދީ އަރަބިޔާގެ އިތުރުން ތެޔޮ އެކްސްޕޯޓްކުރާ އޯޕެކްގެ އެހެނިހެން ގައުމުތަކުންވެސް ތެޔޮ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުންކުރުމަށް އެއްބަސްވުމުންނެވެ. މީގެ ބަދަލެއްގެ ގޮތުގައި އެމެރިކާއިން ސައުދީއަށް ކަށަވަރުކޮށްދިނީ ހަތިޔާރު ފޯރުކޮށްދިނުމާއިއެކު، ސަރަހައްދީ ނުރައްކާތަކުން ސައުދު އާއިލާ ހިމާޔަތްކޮށްދިނުމެވެ. މިހާ ހިސާބުން ރަނަށް ބަދަލުކުރެވޭ ގޮތަށް އޮތް އެމެރިކާ ޑޮލަރު ވެގެން ދިޔައީ ތެލަށް ބަދަލުކުރެވޭ އަގު ހުރި ފައިސާއެއްގެ ގޮތުގައެވެ. އަދި މިއަދާއި ހަމައަށްވެސް ހުރިހާ ގައުމަކުންވެސް މިވަނީ އެމެރިކާ ޑޮލަރަށް ބަރޯސާވާންޖެހިފައެވެ.

 އެޑިޓަރުގެ ނޯޓް:

އަހުމަދު ނަސީރަކީ އިގްތިސާދީ، އިޖްތިމާއީ އަދި ވިޔަފާރިއާއި ގުޅޭ ގޮތުން އެކި ފަހަރުމަތިން ނޫސްތަކުގައި ލިޔުއްވާ އިގްތިސާދީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ދައުލަތުގެ އިސް މަގާމްތައް ފުރުއްވާފައިވާ، އަދި އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެންމެ ފަހުން ނަސީރު އަދާކުރައްވާފައިވަނީ އެމްއެމްއޭ ގެ ގަވަރުނަރުކަމެވެ. މީގެ އިތުރުން، ސީއެމްޑީއޭގެ ސީއީއޯ ކަމާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް