ads
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތު--
ސިންގަޕޫރާއި ބަންގްލަދޭޝަށް ސަފީރުން އައްޔަނު ކުރައްވައިފި
ސިންގަޕޫރާއި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މިއަދު ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

ސިންގަޕޫރަށް ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރެއްވީ ހެންވޭރު ޖެހޭވައި، އިބްރާހީމް ޝަހީބެވެ. ޝަހީބު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ.

ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިން ހައި ކޮމިޝަނަ އޮފް މޯލްޑިވްސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އިތުރު މަގާމުތައް ވެސް ފުރުއްވި އެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ އިން ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލު ކުރައްވާފަ އެވެ.

ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރެއްވީ މާފަންނު ޒީނާ، ޝިރުޒިމަތު ސަމީރެވެ. އޭނާ މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަދި ޕާމަނަންޓް ސެކެޓްރީގެ މަގާމުގަ އެވެ. 

އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.. އަދި އޭނާ މީގެ ކުރިން ވަނީ މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޝިރުޒިމަތު މާސްޓަސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައި ވަނީ ނެޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަ އޮފް އާޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައި ވެސް ވެއެވެ. 

އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގަލޮޅު ޕެންޒީމާގެ، ޢާއިޝަތު ޝާން ޝާކިރު ވެސް މިއަދު އައްޔަނު ކުރައްވާފައި ވެއެވެ. 

އޭނާ މީގެ ކުރިން ހުންނެވީ ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަދި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައި ވެއެވެ.

މި މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް