ads
ފޮޓޯ: ރައީސް އޮފީސް
ސިޔާސީ ގޮތުން ކާމިޔާބު ދެ އަހަރު!
2008 ވަނަ އަހަރު ތަސްދީގުކުރި ފެހި ގާނޫނުއަސާސީއަށް ފަހު މި ރާއްޖޭގައި ތިންވަނަ އިންތިހާބީ ރައީސަކު ވެރިކަން ކުރައްވާތާ ދެ އަހަރު ވެފައިވާއިރު މިއީ ސިޔާސީ ގޮތުން އަދި މިހާތަނަށް ހިނގާ އެންމެ ކާމިޔާބު ވެރިކަމޭ ބުނުން ގޯހަކަށް ނުވާނެ އެވެ. އެގޮތަށް ދަންނަވަން ޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ.

މިއަދު ރާއްޖޭގައި ހަރަކާތްތެރިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަކީ ސަރުކާރަށް މާބޮޑު ގޮންޖެހުމެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. އެބޭފުޅުންގެ ލީޑަރު ކުރީގެ ރައީސް އަބްދުالله ޔާމީން މަނީލޯންޑްރިންގެ ތުހުމަތުގައި ޖަލުގައި ހުންނަވާ އިރު, ސިޔާސީ ގޮތުން އިދިކޮޅުން މި ދެއަހަރުގެ ތެރޭގައި ކުރިކަމަކީ ރައީސް ޔާމީންގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އިދިކޮޅު ކޯލިޝަނާއި ގުޅުވުމެވެ. އެހެން ނަމަވެސް އެއީ ސިޔާސީ ގޮތުން ސަރުކާރަށް މާބޮޑު ޕްރެޝަރެއް އޮތް ކަމެއް ކަމަށް ދެކޭނެ އެއްވެސް ޖާގައެއް ނެތެވެ.

ކޯލިޝަންގެ ވާހަކައިން ފަށަމާތޯ އެވެ. ގާނޫނުއަސާސީ ތަސްދީގު ކުރުމަށްފަހު އިންތިހާބުވި ކޮންމެ ވެރިކަމެއްވެސް އިންތިހާބުވެފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުالله ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތެރެއިންނެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ވެރިކަމެއް ދެއަހަރު ވީއިރު, އޮތީ އިންތިހާބުވި އިރު އޮތް ކޯލިޝަނާއި އެކު ނޫންކަން އެއީ ފެންނަން އޮތް ހަގީގަތެވެ.

އަބަދުވެސް ވެރިކަމަށް އައުމަށްޓަކައި ކޯލިޝަން ހަދާ ޕާޓީތަކުގެ ގޮތުގައި އޮންނަނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފުރަތަމަ 21 ދުވަހުގެ ތެރޭގައި އެ ކޯލިޝަން ނިމިގެން ދިޔައީ ގާސިމް އިބްރާހިމް އެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ހިސާބުންނެވެ. ޖޭޕީ އެ ކޯލިޝަނުން ނިކުމެ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްތައް ފެށިއެވެ. އިސާހިތަކު އަދާލަތު ޕާޓިވެސް ސަރުކާރު ކޯލިޝަނުން ފެޔަށް ޖެހި ސަރުކާރާއި ދެކޮޅަށް މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމަށް ދެ އަހަރާއި ދުވަސްތަކެއް ވެފައިވަނިކޮށް ރައީސް ނަޝީދުގެ ވެރިކަން ފުރޮޅުނީ އެވެ.

ރައީސް ޔާމިންވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާއި އެކު އެވެ. ޖޭޕީ އާއި އޭޕީގެ ތެރެއަށް އިތުރުވީ އެމްޑީއޭ އެވެ. މި ކޯލިޝަނުން ޖޭޕީ ނިކުތީ މަޖިލިސް އިންތިހާބަށްފަހު މަޖިލީހުގެ ރައީސްކަން ޖުމްހުރީ ޕާޓީއަށް ނުލިބުނު ހިސާބުންނެވެ. ގާސިމް "ކަމްސް އެންޑް ގޯޒް" ގޮތަށް ސަރުކާރަށް ތާއީދު ކުރައްވާ ފަހަރު ތަކާ ނުކުރައްވާ ފަހަރުތައް ދިޔަ އެވެ. ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ގާސިމްގެ ވިޔަފާރިއަށް ބުރުއަރާ މިންވަރުންނޭ ބުނުން ގޯހަކަށް ނުވާނެ އެވެ. ކޮންމެއަކަސް ޖޭޕީ އާއި އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވެ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ފަށާ އެންމެ ފުރަތަމަ ހިނގި އެންމެ ބޮޑު ކަމަކަށް އޮތީ 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާ އެވެ. އެކަންވެސް ހިނގީ ރައީސް ޔާމީންގެ ވެރިކަމަށް ދެއަހަރު ނުވަނީހެވެ.

your imageކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް--

އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ދެއަހަރު ފުރިފައިވީ އިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނަށް ބުރުލެއް ނައިސް ދެމި އޮތްކަމީ ސިޔާސީ ގޮތުން ރައީސް ސޯލިހްގެ ގާބިލްކަމާއި ހިކުމަތްތެރިކަމުގެ އިތުރުން ސިޔާސީ ގޮތުން ހޯއްދެވި ކާމިޔާބީ އެއްކަން ޔަގީނެވެ. ކޯލިޝަނަށް ބުރުލެއް ނައި ކަމުގައި ވީނަމަވެސް ކޯލިޝަން ޕާޓީތަކަށް ވަޒީރުންގެ މަޖިލީހުން ދީފައިވާ ބައެއް މަގާމުތަކަށް ބަދަލު އައިސްފައި އެބަ ވެއެވެ. ބައެއް މަގާމުތައް ޕާޓީތަކުގެ އަތުން ނެގިފައިވެސް އެބަ ހުއްޓެވެ. ހައުސިން މިނިސްޓަރުގެ މަގާމު އެމްއާރްއެމްގެ ސްލޮޓަކަށް ވިއިރު, އެމަގާމު ހުސްވުމުން އެމްޑީޕީގެ މިނިސްޓްރީއަކާ އެއްކޮށްލެއްވީ އެވެ. އަދާލަތު ޕާޓީގެ ސްލޮޓެއް ކަމަށްވާ ޖެންޑާ މިނިސްޓްރީ ހުސްވުމުން އެ މަގާމު އަލުން އަނބުރާ ލިބުނީ އަދާލަތަކަށް ނޫނެވެ. ޖޭޕީގެ ސްލޮޓެއް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީ ހުސްވުމުން އެމަގާމު އަލުން ޖޭޕީއަށް ލިބުނު އިރު, ހަމަ އެޕާޓީގެ ސްލޮޓެއްގައި ހުރި ހެލްތް މިނިސްޓްރީ ހުސްވުމުން އެ މަގާމު ލިބުނީ އެމްޑީޕީ އަށެވެ. މި ހުރިހާ ކަމެއް މިމަގުން ހިނގާދިޔުމުން ކޯލިޝަނަށް ބުރޫއަރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ރައީސް ސޯލިހް އެކަންކަން ނިންމެވި ގޮތުން ކޯލިޝަނަށް ބުރުލެއް ނާރާ އޮތްކަން އެއީ ފެންނަން އޮތް ހަގީގަތެވެ. އެހެން ކަމުން ކޯލިޝަން ހިފެހެއްޓެވުމުގައި ރައީސް ސޯލިހަކީ ކުޅަދާނަ ބޭފުޅެއް ކަމީ ޔަގީން ކަމެކެވެ.

ސިޔާސީ ގޮތުން ސަރުކާރަކަށް ދިމާވާނޭ ބޮޑެތި ގޮންޖެހުންތައް ރައީސް ސޯލިހްގެ ސަރުކާރަށް ވެސް މިވީ ދެ އަހަރުގެ ތެރޭގައި ވަނީ ކުރިމަތިވެފަ އެވެ. ސީދާ ރައީސް ސޯލިހަށް މީގެން ކަންކަމުގެ ތުހުމަތުތައް ނުދިޔަ ކަމުގައި ވީނަމަވެސް, އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒިވެފައިވެ އެވެ. އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި ޖިންސީ ފުރައްސާރަ އާއި ގޯނާގެ ތުހުމަތު އެޅުމާއި, ކޮރަޕްޝަންގެ ތުހުމަތުތައް އެޅިފައި އޮތް އޮތުން އެއީ ދިމާވި ވަރަށްވެސް ބޮޑެތި ގޮންޖެހުންތަކެއްކަން ޔަގީނެވެ. މީގެ ތެރެއިން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު މިނިސްޓަރު މަގާމުން ވަކި ކުރެއްވީ ރައީސް ސޯލިހެވެ. ކޮވިޑް-19 ގެ ތަރޭގައި ވެންޓިލޭޓަރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ވަޒީރު މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެވެ. މިފަދަ ކަންކަމުގެ ޕްރެޝަރު ސަރުކާރަށް ނުހަނު ބޮޑަށް އޮތް ނަމަވެސް އެކަންކަން ހޭންޑަލް ކުރެއްވީ ވަރަށްވެސް ހިކުމަތްތެރި ގޮތަކަށެވެ.

your imageމިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެކިއެކި މިނިސްޓަރުންގެ މައްސަލަތައް އެމްޑީޕީގެ ސުޕާމެޖޯރިޓީ އޮތް މަޖިލީހުން ދިޔައީ ފާހަގަކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑުވި މައްސަލައަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްސަލަ އެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އާދޭހަކަށްވީ ފައްޔާޒް މަގާމުން އަމިއްލަފުޅަށް ދުރަށްޖެހިވަޑައިގަތުމެވެ. ކުރެއްވީ ކޮރަޕްޝަންގެ ތުހުމަތާއި, "ބްރޯ" ހެދިގެން އުޅޭކަމުގެ ތުހުމަތެވެ. މި މައްސަލަވެސް ހިލުނުތާ ދުވަސްތަކެއްވެފައި ވާއިރު އެކަން އެކީގައި ހަމަޔަކަށް އެޅިއްޖެއޭ ބުނުންވެސް ގޯހަކަށް ނުވާނެ އެވެ. ސަރުކާރުގެ ދިފާއުގައި ކެބިނެޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ދެ ވަޒީރުންގެ ތެރެއިން ވަޒީރަކަށް ކުރިމަތިވާ މިފަދަ ހަމަލާއަކުން އެބޭފުޅަކު ސަލާމަތްކުރައްވަން މަތިފަޑިންވެސް މަސައްކަތް ކުރާނޭ ކަން ޔަގީނެވެ. އަޑުވެސް ފެތުރުނީ އެކަހަލަ ގޮތަކަށެވެ. ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ސޮއި ހަމަކުރަންފެށުމާއި އެކު ރައީސް ސީދާ ބައެއް މެމްބަރުންނާއި ވަކިވަކިން ބައްދަލުކުރެއްވި ކަމަށް އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް މައްސަލަ މަޖިލީހަށް ނުވަނީ, ފައްޔާޒް މަގާމުން ދުރުކުރެވޭނޭ ވަރަށް ވޯޓު ހަމަނުވުމުން ކަމަށް އަޑުފެތުރުނެވެ.

މަޖިލީހާއި ވެރިކަން ހިންގާ ބާރާއި ދެމެދު ނުތަނަވަސް ކަމެއް އުފެދުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކި ފަހަރު މަތިން މިފަދަ ކަންކަން ހިނގާދެއެވެ. ބައެއް ފަހަރު އެފަދަ ގިނަ ކަންކަން ވެފައި އޮންނަނީ ކޮންމެވެސް މެމްބަރަކާއި ވަޒީރުންގެ ބޭފުޅަކާއި ދެމެދު ހިނގާދާ ހަމަނުޖެހުމަކަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހަކުން އެމްޑީޕީގެ ސަރުކާރަކަށް އަދި ޚާއްސަކޮށް ރައީސަކަށް ދެރަ ގޮތެއް ވިޔަ ނުދޭނޭކަން ކަށަވަރުކުރެވެން އޮތް މިންވަރަކަށް ކަށަވަރު ކުރައްވަމުން ގެންދަވާކަމީ ތުންތުންމަތިން ދެކެވޭ ވާހަކަތަކުން ގަބޫލުކުރެވޭ ހަގީގަތެވެ.

މިއަދުގެ ސަރުކާރު ސިޔާސީ ގޮތުން މިފަދަ ކަންކަމުގައި ކިތަންމެ ކާމިޔާބު ނަމަވެސް, ރައްޔިތުންގެ ނުރުހުން އަދި ފާޑުކިޔުން އަމާޒުވެފައިވާ ބައެއް ކަންކަން އަދި ވެސް ނުފުއްދި އެބަހުއްޓެވެ. އޭ ގެތެރޭގައި މަރާލާ ގެއްލުވަލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދުން ހިމެނެ އެވެ. ހާއްސަކޮށް ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި ޑރ. އަފްރާޝިލް އަލީގެ މައްސަލަ އެވެ. ގިނަ ރައްޔިތުން ދެކޭގޮތުގައި މިކަންކަން ހޯދުމުގައި ސަރުކާރު ވަނީ ފެއިލްވެފަ އެވެ. ދެން އޮތީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަންފާވި ފަރާތްތައް ހޯދުމަށް އުފެއްދި ކޮމިޝަނެވެ. ހަމަގައިމުވެސް މިކަމަކީ ރައީސް ޔާމީނާއި އަހުމަދު އަދީބާއި ހަމައިން ނިމެން އޮތް މައްސަލަތަކެއް ނޫނެވެ. މީގެ މަންފާވި އެތައްބަޔަކު ތިބި އިރު, އަދި ރައްޔިތުންގެ ފައިސާއިން މިފަދަ ބޮޑު ހިޔާނާތެއް ވެފައި އޮތް އިރު އެކަންކަން ވެސް އެންމެ ސާފުކޮށް ރައްޔިތުންނަށް ނޭންގި އޮތުމަކީ, އަދި އެފަރާތްތައް އިންސާފުގެ ކުރި މައްޗަށް ނުގެނެވި އޮތުމަކީ އެކަމަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައި އޮތް ކަންކަމެވެ. އަދި މި ކަންކަމަކީ ޚުދު ރައީސް ސޯލިހް ވެސް އެ މަސައްކަތްތަކާއި މެދު އެންމެ ހިތްހަމަޖެހިވަޑައިގެން ހުންނެވި މަސައްކަތްތައް ނޫންކަން އެނގެ އެވެ.

your imageރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ގޮތުން މި ދެ އަހަރަކީ ސަރުކާރަށް މާބޮޑު ޕްރެޝަރެއް ނެތް އަދި ކާމިޔާބު ދެއަހަރޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ރައީސް ސޯލިހަކީ ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުންނެވި ފަރާތެއްކަމީ ތާރީހް ހެކިދޭނެ ހަގީގަތެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ކައިރިވާ ވަރަކަށް ވައުދުތައް ނުފުއްދޭނަމަ ކުރިމަތިވާ ޕްރެޝަރާއި ވެރިކަމުގެ ތަޚުތަށް ފެންބޮވައިގަނެފައިވާ ބައެއްގެ ފަރާތުން ކުރިމަތިވާނޭ ޕްރެޝަރު ހުންނާނެ އެވެ. ސިޔާސީ ގޮތުން މިކަންކަން ރައީސް ސޯލިހް ކޮންޓްރޯލްކޮށް ކުޅުއްވާނޭ ގޮތެއް, އެއީ ރައްޔިތުން ދެން ދެކެންބޭނުންވާނޭ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް