ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ޝާހިދު އެފްރިކާގެ ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައިފި
އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރާއްޖެއާއި އެފްރިކާގެ ގައުމުތަކާއި އޮންނަ ހާއްސަ ގުޅުމުގެ މައްޗަށް ފޮރިން މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއިރު އޯ.އައި.ސީގެ މެމްބަރު ގައުމުތަކުގެ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކާ ދިވެހިރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކުވެރި ގައުމުތަކުން ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

މިއަދުގެ އެ ބައްދަލުވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް