ads
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ____ ފޮޓޯ: ސަން
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރާކަށް ނޫޅެން: ފިނޭންސް
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ އަޑުތައް އަރާފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށާއި ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމުނުމުގެ އިތުރަށް ބަޖެޓް ސްޕީޗްގައި މި ސުކޫކަށް އަލި އަޅުވާލެވި، އަދި ރަތްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެ ކަމަށެވެ. 

އަދި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިން އިންސްޓުރުމަންޓުތަކާއި ހިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި އިންސްޓުރުމަންޓުގެ ސްޓްރަކްޗާގައި އެސެޓެއް ބެކް ކުރެވިގެން އިޝޫ ކުރެވޭ އިންސްޓުރުމަންޓެއް ކަމަށާއި އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ
މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

"މީގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ، 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް (މިނިސްޓްރީ އޮފް ފިނޭންސް އަށް) ލީސް ކުރުމެވެ،" ފިނޭންސްގެ ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެ ކަމަށާއި އެހެންކަމުން އެ ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. އަދި އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މިމިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށެވެ. 

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކުއް ވިއްކުމުގެ މަސައްކަތް ކުރެވުން ކަމަށާއި ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު
އިޝޫކުރެވޭ ގޮތް ނުވީ ކަމަށެވެ.

އަދި ދައުލަތުން މަސައްކަތް ކުރަމުން މިދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ  އެގޮތުން މިހާރު ބައިނަލްއަގްވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުން ވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑޮޓް އިންސްޓުރުމަންޓެއްކަމަށް ބުނެފަ އެވެ. 

ފިނޭންސް މިނިސްޓްރީން ވަނީ އެކަމާއި ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

56%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް