ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
އިންސާފުވެރި މުޖުތަމައަކަށް މިނިވަން މީޑިއާއެއް މުހިއްމު: ޝާހިދު
މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިގޮތަށް ވިދާޅުވެފައި ވަނީ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ. 

ހޯމަ ދުވަހު ވާޗުއަލްކޮށް ބޭއްވި އެ ބައްދަލުވުގައި "ކޮވިޑް-19 ގެ ހާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ. 

މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ގަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ހިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އެމަނިކުފާނުގެ ބަރުލަމާނީ ހަޔާތުގައި ކުރެއްވި އެންމެ ފަހު މަސައްކަތްކުޕުޅުކަން ފާހަގަކުރައްވައި، 2018 ވަނަ އަހަރު އެ ގާނޫނު އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީހުގެ ކަޅު ސަފްހާއެއް ނިމުމަކަށް އައިކަން ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން ފާހަގަކުރައްވަމުން ވިދާޅުވީ މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވިފައިވާ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށާއި ގުޅިގެން ޝާހިދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މާ މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާ ކަމަށެވެ. 

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސްގަ އެވެ. އެ ކޯލިޝަންގައި ބައިވެރިވާ މެމްބަރު ގައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަށެވެ.

އެ ކޯލިޝަންގައި މެމްބަރު 38 ގައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެމްބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރމަނީ، ގާނާ އަދި ނެދަލެންޑްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް