ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: އެމްޑީޕީ
"ފައްޓަރު ބައި" ވިއްކާލަން ޖެހެނީ ރައީސް ޔާމީންއާ ހެދި: ނަޝީދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ފެންނާންހުރި ކަންކަން ހުތުރު ކަމަށާއި އެހުތުރުކަމަކީ މި ސަރުކާރުން ގެނައި ހުތުރުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރުފުރުމުގެ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަޝީދު ވިދާޅުވީ މިއަދު ބަޖެޓް ފެންނަން އޮތްގޮތް ވަރަށް ހުތުރުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ހުތުރުކަމަކީ މި ސަރުކާރުން ގެނައި ހުތުރުކަމެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ދިމާވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ދަރަނި މި ސަރުކާރަށް ދައްކަން ޖެހުމުންނެވެ. 

"އެހެން ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަންޖެހެނީ،" ނަޝީދު ވިދާޅުވި އެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަބޮޑުވެފައި ވަނީ ސަރުކާރުން ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ގުޅިގެން ކަމަށެވެ.

ނަޝީދު ވަނީ 2013 އާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު އޭގެ ތެރެއިން ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ބޮޑު ބައެއް އަނބުރާ ދައްކަން ޖެހިފައިވާ ކަމަށާއި އެގޮތުން ބަޖެޓުގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ވިދާޅުވެފަ އެވެ. 

އަދި ލޯނު އަނބުރާ ދެއްކުމަށް ހިމަނާފައިވާ 4.9 ބިލިއަން ރުފިޔާގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާކަން ނަޝީދު ފާހަގަކުރައްވަ އެވެ.

ރައީސް ނަޝީދު ވަނީ ކޮވިޑާއެކު މުޅި ދުނިޔޭގެ އިގްތިސޯދު އިނދަޖެހިފައިވަނިކޮށް އެ ފައިސާ ހޯދުމަށް ޗައިނާ ފަދަ ގައުމަކުން މަސައްކަތްކުރާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ގައުމަށް އާމްދަނީ ލިބޭނެ ގޮތެއް ނެތްއިރު ވެސް ލުޔެއް ނެތުމުން އިންސާފަކީ ކޮބާތޯ ނަޝީދު ސުވާލު އުފައްދަވަ އެވެ. 

އޭގެ އިތުރުން ޗައިނާގެ ރައީސް އާއި ޗައިނާގެ ސަރުކާރަށް ރާއްޖެއަށް އެހެން ނުހެދުމަށް އާދޭހާއެކު ގޮވާލައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މިދަތިތަކާއެކު ވެސް ރާއްޖޭގެ މާލިއްޔަތަށް އެމްޑީޕީގެ ސަރުކާރެެއްގައި ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާފައިވާތީ މީގެ ކުރިން ވެސް ނަޝީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި އުޅެނީ 73.9 ބިލިއަން ރުފިޔާގަ އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުން ލަސްކުރެވިއްޖެ ނަމަ ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން މިނިސްޓަރު ވަނީ ރާއްޖޭގެ ދަރަނި ދެއްކުން ލަސްކުރެވިއްޖެ ނަމަ ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރު ނިމޭއިރު ހުންނާނީ ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވެފަ އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް