ads
ރައީސް މުހައްމަދު ނަޝީދު--
މާމަގެ ގަހަނާ ވިއްކައިގެން ވެސް ޗައިނާގެ ދަރަނި ދެއްކޭނެ ގޮތެއް ނެތް: ނަޝީދު
މާމަގެ ގަހަނާތައް ވިއްކައިގެން ވެސް ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލްކަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސް ކުރިއަށް ދާ ކަމަށާއި އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 އިންސައްތަ ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށެވެ.

"ދަރަނި އަނބުރާ ދެއްކުމުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައި ދާނީ ޗައިނާއަށް. އަޅުގަނޑުމެންގެ މާމަގެ ގަހަނާ ވިއްކައިގެން ވެސް މި ދަރަނިތައް ދެއްކުމުގެ ގާބިލްކަމެއް ނެތް،" ފައްޓަރުބައެއްގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓުގައި ނަޝީދު ވިދާޅުވި އެވެ.  

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އިއްޔެ ވެސް ނަޝީދު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން ދަރަނި ދައްކަން ލުޔެއް ނުދިން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުގެ އަދަދު ފަސް ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެ އަނބުރާ ދައްކަން ޖެހޭނީ އަނެއްކާވެސް ދަރަނި ނަގަން ކަމަށެވެ. 

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް